މި ޖެނުއަރީ ޓްރާންސްފާގައި ކުލަބު ބަދަލުނުކޮށް ޗެލްސީގައި މަޑުކުރާނެ ކަމަށް އެ ޓީމުގެ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ބުނެފިއެވެ.
ޖިރޫޑް ޗެލްސީ ދޫކޮށްލާނެ ކަމަށް ފުރަތަމަ ބެލެވުނީ އޭނާއަށް ޗެލްސީގެ ފުރަތަމަ އެގާރައިން އެކަށީގެންވާ ފުރުސަތު ނުލިބޭނަމަ، ކުލަބު ބަދަލުކޮށް ކުޅުމުގެ ފުރުސަތު އޭނާ ހޯދަން ޖެހޭ ކަމަށް ފްރާންސުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނުމާ ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ވާދަކުރާ ފްރާންސް ޓީމުން ޖާގަ ހޯދަން ބޭނުންނަމަ ކުލަބު ފެންވަރުގައި ޖިރޫޑުގެ ހާލަތަށް ބަދަލު އަންނަން ޖެހޭ ކަމަށްވެސް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޖިރޫޑް ހޯދުމަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖިރޫޑް ބުނީ މި މަހު ކުލަބު ބަދަލުނުކޮށް އެއްބަސްވުމާ އެއްގޮތަށް ޗެލްސީގައި މަޑުކުރާނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ މި ސީޒަނުގައި ޗެލްސީއާއެކު ކާމިޔާބީތަކެއް ހޯދުމަށް ކަމަށްވެސް ޖިރޫޑް ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޖިރޫޑް ވަނީ އިތުރު އެއް އަހަރަށް ޗެލްސީގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ. އެކަމަކު މި ނިމުނު ޓްރާންސްފާ ބާޒާރުގައި ޗެލްސީން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ގެނައި ފަހުން ޖިރޫޑަށް ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވި ނަމަވެސް، މި ފަހުން ޗެލްސީން ކުޅުނު މެޗުތަކުގައި ޖިރޫޑަށް ވަނީ ފުރުސަތު ދީފައެވެ.
މި އަހަރު އެއްބަސްވުން ހަމަވަން އޮތް ނަމަވެސް، އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ދަށުން ލިބޭ ކަމަށެވެ. އެކަމަކު އަދި އެކަމާ ވަކިގޮތެއް ނުނިންމާ ކަމަށްވެސް ޖިރޫޑް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ