މިވަގުތު ދުނިޔޭގެ އެންމެ ބޮޑުވާނެ ފުޓްބޯޅަ ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑް ކަމުގައި ވެއްޖެ އެވެ.
ކުޅުންތެރިންގެ ކުޅުމާއި އުމުރާއި އެމީހުންގެ އިމޭޖްރައިޓާއި ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތް މުއްދަތު ފަދަ ކަންކަމަށް ބަލައިގެން ކަނޑައަޅާފައިވާ ގޮތުގައި ރަޝްފޯޑް 150 މިލިއަން ޕައުންޑަށް ވިއްކާލެވިދާނެ އެވެ. މި ލިސްޓުގެ ދެ ވަނަ ލިބެނީ ބޮރޫޝިޔާ ޑޯޓްމުންޑްގެ ނޯވޭ ފޯވަޑް އާލިން ހާލާންޑެވެ. ޔޫރަޕުގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިވާ 20 އަހަރުގެ ޒުވާން ފޯވަޑްގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 137 މިލިއަން ޕައުންޑެވެ.
ތިން ވަނާގައިވަނީ ލިވަޕޫލްގެ ޓްރެންޓް އެގެގްޒެންޑާ އާނޯލްޑެވެ. މިދިޔަ ސީޒަނުގެ އިނގިރޭސި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާގެ އަގަކީ 137.1 މިލިއަން ޕައުންޑެވެ. މިއާއެކު މިވަގުތު އެންމެ އަގުބޮޑުވާނެ ޑިފެންޑަރެއްގެ ގޮތުގައިވަނީ ވެސް 22 އަހަރުގެ ކުޅުންތެރިޔާ އެވެ. އެންމެ އަގުބޮޑުވާނެ ކަމަށް ބަލާފައިވާ ކީޕަރަކީ މެންޗެސްޓާ ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން އެވެ. އޭނާގެ އަގެއްގެ ގޮތުގައި ނިންމާފައިވަނީ 71 މިލިއަން ޕައުންޑެވެ.
މިދިޔަ 10 އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ތިބި ދެ ކުޅުންތެރިން ކަމަށްވާ ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެނީ ގަދަ 100 ކުޅުންތެރިންގެ ތެރޭގަ އެވެ. މި ގޮތުން މެސީގެ މިހާރުގެ އަގުގެ ގޮތުގައި ލަފާކޮށްފައިވަނީ 48 މިލިއަން ޕައުންޑެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯ ހިމެނުނީ ލިސްޓޫގެ 131 ވަނާގަ އެވެ.
ކޮމެންޓު ފޮނުވާ