ދ. މާއެނބޫދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ދ. މާއެނބޫދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

Author
ހުސައިން
20 އޮކްޓޯބަރ 2025 07:27
0

ދ. މާއެނބޫދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

2023 ވަނަ އަހަރު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، ރަށަށް 15 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިވަގުތު ކުރިއަށް ގެންދަނީ ހިއްކާ ސަރަޙައްދުގެ އިން ފަޅުތެރެއިން ވަކިކުރުމަށްޓަކައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތެވެ.

76.76 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ، ގާތްގަނޑަކަށް ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މާއެނބޫދޫއަށް އެތައް ގޮތަކުން ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ. މިހާރު 30 ހެކްޓަރުގެ ބިން އޮންނަ މި ރަށުގެ ބިންތައް ވަނީ ވަރަށް ބޮޑަށް ފުރިފައެވެ.

ރަށުގެ ބިން ފުރިފައިވުމުގެ ސަބަބުން، އިތުރަށް ގެދޮރު އިމާރާތްކުރުމަށާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރަށު ކައުންސިލުން ފާހަގަކުރެއެވެ. ނަމަވެސް މި މަޝްރޫޢު ނިމުމުން، ބިމުގެ ދަތިކަމަށް ޙައްލެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ބޯހިޔާވަހިކަމަށް ބިން ލިބުމުގެ އިތުރުން، އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންވާ ބިން ލިބި، ރަށުގެ ތަރައްޤީއަށް އައު މަގެއް ފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.