މަރުކަޒީ ބޭންކުން މިއަދު އުރީދޫ ފިންޓެކް މޯލްޑިވްސްއަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބުމުގެ ލައިސަންސް ހަވާލުކޮށްދީފިއެވެ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، އެ ލައިސަންސް ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗެއާވޮމަން ފާތިމާ އަލް ކުވާރީއާއި ސީއީއޯ ޚާލިދު އަލް ހަމާދީއަށެވެ.
މި ހުއްދަ ލިބުމުން ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ނިޒާމް ހަރުދަނާ ކުރުމަށް އެމް-ފައިސާއިން ކުރާ މަސައްކަތަށް ބާރު ލިބޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. މި ޚިދުމަތުގެ ސަބަބުން ފްރީލާންސަރުންނާއި، ކުދި ވިޔަފާރިވެރިންނާއި، ބައިނަލްއަގުވާމީ އާމްދަނީއަށް ބަރޯސާވާ އާއިލާތަކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ސީދާ އެމް-ފައިސާ ވޮލެޓަށް ލިބޭނެއެވެ.
އުރީދޫން މައުލޫމާތު ދޭ ގޮތުގައި ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރާނީ އަންނަ އަހަރު ކަމަށާއި، މިހާރު އެ ކުންފުނީގެ ޕާޓްނާޝިޕްގެ ތަފްސީލް ފައިނަލް ކުރުމުގެ މަރުހަލާގައި ވާ ކަމަށެވެ. މި ޚިދުމަތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕަލް ގަބޫލުކުރާ ވިޔަފާރިތަކާ ރާއްޖެއިން ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ރާއްޖެ ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ