ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ ކަމަށާއި، އެއީ އެހެން ގައުމުތަކުގެ ތަޖުރިބާއިން ވެސް ދައްކާ ހަގީގަތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދުގެ ނުރަސްމީ އެކައުންޓު "މުހައްމަދު ނަޝީދު އަންއޮފިޝަލް" އިން އެކްސްގައި ކުރި ޕޯސްޓެއްގައި މިހެން ވިދާޅުވީ ރާއްޖެއަށް ވަގަށް އެތެރެކުރި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން މަޝްހޫރު ދެ ވިޔަފާރިވެރިންނާއި ކަސްޓަމްސްގެ ދެ އޮފިޝަލުން ހިމެނޭ ހަތަރު މީހަކު ރޭ ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)، އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި ޑިޕާޓްމަންޓް އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ.
ކޮމެންޓު ފޮނުވާ