އެތުލެޓިކޯ މެޑްރިޑްގެ އިނގިރޭސި ޑިފެންޑަރު ކިރަން ޓްރިޕިއާ އާ ދެކޮޅަށް އިނގިރޭސި އެފްއޭ އިން ކުރިމަތި ކުރި 10 ހަފުތާގެ ސަސްޕެންޝަން ފީފާއިން މަޑު ޖައްސާލައިފި އެވެ.
ބެޓިންގެ އުސޫލުތަކާ ހިލާފު ވުމުން، ޓްރިޕިއާ އާ ދެކޮޅަށް އިނގިރޭސި އެފްއޭއިން އެޅި 10 ހަފުތާގެ ސަސްޕެންޝަންގައި ވާގޮތުން، ސަސްޕެންޝަންގެ މުއްދަތުގައި އެތުލެޓިކޯގެ އެއްވެސް ކަމެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ އެވެ. އާދިއްތަ ދުވަހުގެ ރޭ، ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންވެސް، ޓްރިޕިއާގެ ސަސްޕެންޝަންގެ އަދަބު ފީފާއިން އޮތީ މަޑުޖައްސާލާފަ އެވެ. އެހެން ނަމަވެސް އެ މެޗުގައި އޭނާ ބޭނުން ކޮށްފައެއް ނުވެއެވެ. ފީފާއިން އަދަބު މަޑު ޖައްސާލީ މައްސަލަ އިތުރަށް ތަހްގީގު ކުރުމުގެ ގޮތުންނެވެ. އެތުލެޓިކޯއިން ވަނީ އިނގިރޭސި އެފްއޭގެ ނިންމުމާ ގުޅިގެން އޭގެ އިތުރު ތަފްސީލު ދިނުމަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އެތުލެޓިކޯ އެދުނު ތަފްސީލުތަކެއް އިނގިރޭސި އެފްއޭއިން ފޯރު ކޮށްދީފައެއް ނުވެ އެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ޖުލައި 2019 ގައި ޓޮޓެންހަމް ހޮޓްސްޕާސްއިން އެތުލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވުމުގައި އޭނާގެ ޓްރާންސްފާއަށް ބެޓް ކުރި ފަރާތްތަކަށް މައުލޫމާތު ފޯރު ކޮށްދީފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. ޓްރިޕިއާގެ ޓްރާންސްފާ އަށް ބެޓް ކުރި ފަރާތަކުން ބެޓް ކޮށްފައި ވަނީ 20 މިލިއަން ޕައުންޑަށް އޭނާ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވާނެ ކަމަށެވެ. އެ ބެޓާ އެއްގޮތަށް އޭނާގެ ޓްރާންސްފާ ހަމަޖެހިގެން ދިއުމުން އިނގިރޭސި އެފްއޭއިން ތުހުމަތު ކުރަނީ ބެޓް ކުރި ފަރާތްތަކަށް ޓްރްޕިއާ އެހީވެ ދީފައިވާ ކަމަށެވެ.
އެ ސަސްޕެންޝަނާ ގުޅިގެން، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ވަނީ އިނގިރޭސި އެފްއޭގެ ނިންމުމަށް މީގެ ކުރިން ފާޑު ކިޔާފަ އެވެ.
ކޮމެންޓު ފޮނުވާ