އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ އައިފޯން 17 ރާއްޖެއަށް ތައާރަފްކުރުމަށް ހާއްސަ ރަސްމިއްޔާތެއް ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ލައިވް މިއުޒިކް ޝޯއެއް ބާއްވާފައިވަނީ، އުރީދޫގެ އޮފީސް ކުރިމަތީގައި ރޭ 11:30 އާ ހަމައަށެވެ.
މި ޝޯ ނިމުމުން، ކުރިން ޕްރީއޯޑަރު ކޮށްފައިވާ ކަސްޓަމަރުންނަށް ރޭގެ 12ގެ ފަހުން އައިފޯން 17 ލިބެން ފަށާނެ ކަމަށް އުރީދޫން ހާމަކޮށްފައިވެއެވެ. މިމަހުގެ 19 ވަނަ ދުވަހު އުރީދޫން މޫލީ މެދުވެރިކޮށް އައިފޯން 17، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީއޯޑަރަށް ހުޅުވާލި އިރު، ގިނަ އަދަދެއްގެ ކަސްޓަމަރުން މި ފުރުސަތުގެ ބޭނުން ހިފާފައިވެއެވެ.
އެޕަލްގެ މިފަހަރުގެ އުފެއްދުންތަކުގެ ތެރޭގައި އައިފޯން 17 އަކީ އެންމެ ބާރުގަދަ ފޯނު ކަމަށް ބެލެވޭ އިރު، މިހާތަނަށް އެޕަލްގެ ފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ ބޮޑު ބެޓަރީ މި ފޯނުގައި ހިމެނެއެވެ. ކެމެރާގެ ފެންވަރު އައިފޯން 16 އާ އަޅާބަލާއިރު ހަތަރު ގުނަ މަތިވެފައިވާ ކަމަށް އެޕަލްއިން ފާހަގަކޮށްފައިވެއެވެ. ލެވެންޑާ، މިސްޓް ބްލޫ، ކަޅު، ހުދު އަދި ސޭޖް މިފަސް ކުލައިގައި އައިފޯން 17 ލިބެން ހުންނާނެއެވެ.
އައިފޯން އެއާގެ ނަމުގައި އެޕަލްއިން ތައާރަފުކުރި އައު މޮޑެލަކީ މިހާތަނަށް އުފައްދާފައިވާ އެންމެ ފަތި އައިފޯނެވެ. އެންމެ 5.6 މިލިމީޓަރު ބޯމިން ހުންނަ މި ފޯނު ހަތަރު ކުލައެއްގައި ލިބެން ހުންނާނެއެވެ.
އެޕަލްގެ އެހެނިހެން އުފެއްދުންތަކުގެ ތެރޭގައި އެއާޕޯޑް ޕްރޯ 3 އަކީ ވަރަށް ހާއްސަ ފީޗާތަކެއް ހިމެނޭ އުފެއްދުމެކެވެ. ހިތުގެ ވިންދު މޮނިޓަރ ކުރެވޭ ޓެކްނޮލޮޖީއާއި، ކަސްރަތު ކުރާއިރު ކެލޮރީ އަނދަމުންދާ މިންވަރު ދެނެގަތުމާއި، ވަގުތުން ބަސްތައް ތަރުޖަމާކުރެވޭ ސިސްޓަމް މި އެއާޕޯޑްގައި ހިމެނެއެވެ.
އެޕަލް ވޮޗް ސީރީސް 11، އެޕަލް ވޮޗް އަލްޓްރާ 3 އަދި އެޕަލް ވޮޗް އެސްއީ 3 އަކީ އެޕަލްއިން މިފަހަރު ނެރުނު ތިން ވޮޗެވެ. ސީރީސް 11 ގައި ލޭގެ ޕްރެޝަރު ދެމެހެއްޓޭ ގޮތަށް މޮނިޓަރ ކުރެވި، މައްސަލަ ޖެހިއްޖެނަމަ އިންޒާރުދޭ ސިސްޓަމެއް ހިމެނޭ އިރު، ނިދުމުގެ ފެންވަރު ބަލާ ސްލީޕް ސްކޯ ފީޗާވެސް ހިމެނެއެވެ.
އަލްޓްރާ 3 ގައި ކުރިއަށްވުރެ ބޮޑު ސްކްރީނަކާއި ސެޓަލައިޓް ކަނެކްޓިވިޓީ ހިމެނޭ އިރު، 42 ގަޑިއިރު ދެމިއޮންނަ ބެޓަރީއެއް މި ވޮޗްގައި ހިމެނެއެވެ. އެސްއީ 3 ގައި އާ ޗިޕަކާއެކު ސިއްހަތާ ގުޅޭ އިތުރު ފީޗާތަކެއް ހިމަނާފައިވާ ކަމަށް އެޕަލްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ