ހުޅުމާލެ 2 ގައި މަގު ހުރަސްކޮށް ހިނގާފައި ދިޔަ މީހަކު ކާރުން ޖައްސައި، އެތަނުން މަޑުނުކޮށް ދިޔުމުގެ ކުށުގައި ފުވައްމުލަކުގެ ވިޔަފާރިވެރިއެއް އިއްޔެ ފުލުހުން ހައްޔަރުކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ހިތިގަސް މަގުން އެމްއޭސީއެލް ޓަވަރު ކައިރީގައި ހިނގި މި ހާދިސާގައި އަނިޔާ ލިބުނީ 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ މަގު ހުރަސްކޮށް ހިނގަމުން ދަނިކޮށް ކާރަކުން ޖެހި، ވެއްޓުމުން އެ ކާރު ވަނީ އެތަނުގައި މަޑުނުކޮށް ސަރަހައްދުން ފުރައިގެން ގޮސްފަ އެވެ.
މި ހާދިސާގައި އަނިޔާ ލިބުނު މީހާގެ އެއްފައިގެ ކަށިމަތި ބިންދައިގެން ގޮސްފައިވާ ކަމަށާއި، މިވަގުތު އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
ފުލުހުންގެ ތަހުގީގަށްފަހު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، 57 އެވެ. އޭނާ އަކީ ފުވައްމުލަކުގައި ވިޔަފާރިކުރާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ހާދިސާއެއް ހިނގުމުން އެތަނުގައި މަޑުނުކޮށް ދިއުމަކީ ގާނޫނީ ކުށެއް ކަމަށާއި، މި މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން ވިދާޅުވެ އެވެ.
ކޮމެންޓު ފޮނުވާ