ހުޅުމާލޭ ޓްރެފިކް ޕޮލިސްއިން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 213 އުޅަނދު ޓޯކޮށް، 115 ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އޯގަސްޓް މަހު ހުޅުމާލޭގައި 529 ޓްރެފިކް މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، 354 ފަރާތަކަށް އަނގަބަހުން އިންޒާރު ދެވިފައިވެއެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޖުމުލަ 1,661 އުޅަނދު ޗެކުކުރެވިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ލައިސަންސް ނެތި އުޅަނދު ދުއްވި މައްސަލައިގައި 120 މީހަކު ހައްޔަރުކުރެވުނު އިރު، ނުރައްކާތެރި ގޮތުގައި އުޅަނދު ދުއްވި 36 މީހުން ހައްޔަރުކުރެވުނުކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އޯގަސްޓް މަހު ހުޅުމާލޭގައި 118 އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ތެރެއިން 48 އެކްސިޑެންޓަކީ ކުދި އަނިޔާތައް ލިބުނު ހާދިސާތަކެވެ. ބޮޑެތި އަނިޔާތައް ލިބުނު 5 އެކްސިޑެންޓްވެސް ހިނގާފައިވާއިރު، މި ހާދިސާތަކާ ގުޅިގެން 245,481 ރުފިޔާގެ ބަދަލު ދޭންޖެހިފައިވާކަމަށް ފުލުހުން ބުންޏެވެ.
ގަވާއިދާ ޚިލާފަށް ޕާކުކުރި އުޅަނދުތަކާ ގުޅޭ 1,491 ޝަކުވާ ފުލުހުންނަށް ލިބިފައިވާއިރު، މި ޝަކުވާތަކުގެ 12 ޕަސެންޓުގައި އުޅަނދުތައް ޓޯކުރަންޖެހިފައިވެއެވެ. ޓޯކުރެވުނު އުޅަނދުތަކުގެ ތެރޭގައި 323 ދެފުރޮޅުލީ އުޅަނދާއި 33 ހަތަރުފުރޮޅުލީ އުޅަނދު ހިމެނޭކަމަށް ފުލުހުން ފާހަގަކުރިއެވެ.
އޯގަސްޓް މަހު ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން 448 ގަޑިއިރު ހޭދަކޮށްފައިވާއިރު، މަގުތައް ބްލޮކްވެގެން ޓްރެފިކް ކްލިއަރ ކުރުމަށް 855 ފަހަރު މަސައްކަތް ކުރަންޖެހިފައިވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ