ނިލަންދޫ އެއާޕޯޓް 30 މަސް ދުވަހުގެ ތެރޭގައި ނިންމަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ނިލަންދޫ އެއާޕޯޓް 30 މަސް ދުވަހުގެ ތެރޭގައި ނިންމަން އެމްއޭސީއެލްއާ ހަވާލުކޮށްފި

Author
އައިޝަތު އަޙްމަދު
20 ސެޕްޓެމްބަރ 2025 11:16
0

ފ. ނިލަންދޫގައި އަޅާ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި މިރޭ މި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. މި އެއްބަސްވުމުގެ ދަށުން އެމްއޭސީއެލްއާ ހަވާލުކުރެވުނީ ނިލަންދޫ އެއާޕޯޓުގެ ސިވިލް ހުރިހާ މަސައްކަތަކާއި އެ ތަން އޮޕަރޭޓް ކުރުމެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ރަށުގެ އެއާޕޯޓަށް ބޭނުންވާ 1،500 މީޓަރުގެ ދިގު ރަންވޭއަކަށް ބޭނުންވާ ބިން އެމްޓީސީސީން ހިއްކައި ނިމެމުން އަންނައިރު، އިތުރު 300 މީޓަރަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނިމޭއިރު 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިއްކާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ދެއްވި ޔަގީންކަމުގައި، މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި މި އެއާޕޯޓު ނިންމައި ރައްޔިތުންނަށް ލިބޭނެ ކަމަށާއި، އެއަށްވުރެ ވެސް އަވަހަށް ނިމިދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްއޭސީއެލްއިން ނިލަންދޫގައި އެންމެ ފުރިހަމަ، ޒަމާނީ ފެންވަރުގެ އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނިލަންދޫ އެއާޕޯޓަކީ އެ ރަށުގެ އިތުރުން ފުވައްމުލަކު އަތޮޅުގެ ތަރައްގީ އަށް ވެސް މުހިންމު ތަނެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ނިލަންދުއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މި ސަރުކާރުން ނިންމާފައިވާ ރަށެއް ކަމަށާއި، އެ ވިސްނުން ހަގީގަތަކަށް ހެދުމުގައި އެއާޕޯޓް އެޅުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދޫގައި ހަދާ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވެއެވެ. މިހާތަނަށް 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިމިފައިވެއެވެ.

ނިލަންދޫ އެއާޕޯޓް އެޅުމަކީ ކުރީގެ ސަރުކާރުތަކުން ވެސް ވަޢުދުވެ ނަމަވެސް ފުރިހަމަ ނުކުރެވި އޮތް ކަމެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއާޕޯޓް އަޅަން ނިންމައި ބަޖެޓް ކަނޑައަޅައި، އީއައިއޭގެ މަސައްކަތް ނިންމުމާއެކު އެ ސަރަހައްދުގެ ރުއް ގަސްތަކަށް ބަދަލު ދޭނެ އަގު ވެސް ކަނޑައެޅިއެވެ. އެމްޑީޕީ ސަރުކާރު އައުމަށްފަހު، 2022 ވަނަ އަހަރު އެމްޓީސީސީއާ އެކު ބިން ހިއްކުމާއި އެއާޕޯޓުގެ މަސައްކަތް ފެށުމަށް 450 މިލިއަން ރުފިޔާ ހަމަޖެހި ސޮއިކުރިއެވެ. ނަމަވެސް ފަހުން އެމްޑީޕީ ސަރުކާރުން މި މަޝްރޫއު ބަދަލުކުރީ ނިލަންދޫއާ 15 މިނެޓު ދުރުގައި އޮންނަ މަގޫދުއަށެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، އެ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.