އޭސީ މިލާން ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް

އޭސީ މިލާން ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް

Author
އިބްރާހީމް ސާޢިދު
07 ޖެނުއަރީ 2021 12:10
0

ޔުވެންޓަސް އަތުން 3-1 އިން ބަލިވެ އިޓާލިއަން ލީގުގައި އޭސީ މިލާނުގެ ބަލިނުވުމުގެ ސިލްސިލާ އަށް 27 މެޗަށް ފަހު ނިމުމެއް އަތުވެއްޖެ އެވެ.

ޔުވެންޓަސް އަށް މެޗުގައި 18 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ފެޑެރިކޯ ޗިއެސާ އެވެ. މިއީ ޕައޮލޯ ޑީބަލާ އުފެއްދި ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ. އެއަށް ފަހު މިލާނުން ކޮންޓްރޯލް ނަގައި، ޑެވިޑޭ ކަލަބްރިއާގެ ގޯލުން އެއްވަރުކުރި އެވެ. އެކަމަކު މި ގޯލް ޖެހި ހަމަލާ އުފެއްދީ ހަކާން ޗަނައޮގްލޫ ފައުލެއް ކޮށްގެން ހޯދި ބޯޅައަކަށް ވާތީ ލަނޑު ބާތިލްކުރަން ޔުވެންޓަސް އިން އެދުނެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ސައްހަ ގޯލެއް ކަމަށެވެ. ދެ ވަނަ ހާފުގައި ވެސް މިލާނުން ރަނގަޅަށް ކުޅެމުން ދަނިކޮށް ޔުވެންޓަސްގެ ޗިއެސާ އެ ޓީމަށް 62 ވަނަ މިނެޓުގައި އަލުން ލީޑު ނަގައިދިނެވެ. މިލާން އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތަށް ހުރަސް އެޅުނީ ބަދަލު ކުޅުންތެރިޔާ ވެސްޓަން މެކްކެނީ ޖެހި ގޯލުންނެވެ.

މިލާން މެޗަށް ނުކުތީ އަނިޔާ އާއި ކޯވިޑުގެ ސަބަބުން، ފުރަތަމަ އެގާރައިގައި އާއްމުކޮށް ކުޅޭ ފަސް ކުޅުންތެރިން ނެތި އެވެ. އޭގެ ތެރޭގައި ފޯވާޑް ޒަލަޓާން އިބްރޮހިމޮވިޗް ހިމެނެ އެވެ. ދެވަނައިގައި އޮތް އިންޓަ މިލާން ރޭ ސަމްޕްޑޯރިއާ އަތުން 2-1 އިން ބަލިވުމެވެ. އެހެންވެ މިލާނަށް ތާވަލުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑު ވަނީ ދެމެހެއްޓިފަ އެވެ. މިލާން 16 މެޗުން 37 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތްއިރު އިންޓަ ދެ ވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ.

މިލާނާއި އިންޓަ ބަލިވުމުގެ ފައިދާ ނަގައި ރޯމާ ވަނީ 16 މެޗުން 33 ޕޮއިންޓް ހަމަކޮށް އެ ދެ ޓީމާ ގާތްކޮށްފަ އެވެ. އިއްޔެ ރޯމާ މޮޅުވީ ކްރޮޓޯނޭ އަތުން 3-1 އިންނެވެ. ޔުވެންޓަސް އޮތީ 15 މެޗުން 30 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް އިތުރު މެޗެއް އޮތުމުން އަދި ކުރިއަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

އެ ޓީމު އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ މާޗު މަހުގެ 8 ވަނަ ދުވަހު ޖެނޯއާ އަތުން 2-1 އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.