މިދިޔަ މަހުގެ 16 ވަނަ ދުވަހު، ބިލަބޮން ސްކޫލް ކުރިމަތީގައި ހުންނަ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ)ގެ އިމާރާތުން ބޮޑު ބައެއް ވެއްޓުނު ހާދިސާއަށްފަހު، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވެމްކޯ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މި އިމާރާތަކީ ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިމާރާތެކެވެ. އިމާރާތުން ބައެއް ވެއްޓުނު ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ނުވި ނަމަވެސް، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އެތައް އުޅަނދުތަކަކަށް ގެއްލުންތަކެއް ލިބިފައިވެއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ބައެެއް މީޑިއާތަކަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ، އިމާރާތުގެ ނުރައްކާތެރި ބައިތައް މިހާރު ވަނީ ތަޅާލައި ނިމިފައި ކަމަށާއި، ގާކުނޑި އެޅުމަށް ޖާގަ ހަމަޖެހުމުން މުޅި އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އިމާރާތުގެ ވަށައިގެން ބަންދުކޮށް، އެއްވެސް މީހަކު އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެމްކޯއަކީ މީގެ ކުރިން އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލްގެ ބާވެފައިވާ އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކޮށްދިން ކުންފުންޏެވެ.
މިހާރު ތަޅާލަން ހަމަޖެހިފައިވާ އީޑީސީ އިމާރާތަކީ، ޒަމާނުއްސުރެ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އެކިއެކި ފެކަލްޓީތަކުން ކިޔެވުން ބޭއްވުމަށް ބޭނުންކުރި އިމާރާތެކެވެ. އޭރުގައި ވެސް އެ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ ރެނދުލާފައެވެ.
ކޮމެންޓު ފޮނުވާ