ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެމްބަރުން 2023 ވަނަ އަހަރު ތަޖުރިބާ ހޯދުމުގެ ނަމުގައި ތައިލެންޑަށް ކުރި ދަތުރަކީ ދައުލަތުގެ ހަރަދުތައް އުފެއްދުންތެރިކުރުމާ ގުޅޭ މާލީ ގަވާއިދުތަކާ ޚިލާފަށް ކޮށްފައިވާ ދަތުރެއްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިޢުކުރި ގދ. އަތޮޅު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި، 10 ދުވަހުގެ މި ދަތުރުގައި 9 ކައުންސިލް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭގޮތަށް 10 މީހުން ބައިވެރިވެފައިވާއިރު، ޖުމްލަ 559،168 ރުފިޔާ ހަރަދުވެފައިވެއެވެ.
މާލިއްޔަތާ ބެހޭ ސަރކިއުލާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ، ރާއްޖެއިން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރުމުއްދަތުގެ ކޯސްތައް ފިޔަވައި އެހެން ޓްރެއިނިން ޕްރޮގްރާމްތައް ހުއްޓާލުމަށެވެ. ނަމަވެސް ކައުންސިލުން މި އިރުޝާދަށް އަމަލުކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުން ފާހަގަކުރެއެވެ. އަދި މި ދަތުރަށް ފައިސާ ލިބޭނެ އެއްވެސް ގޮތެއް ކަނޑައަޅާފައި ނުވާކަންވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ކައުންސިލުން ބުނި ގޮތުގައި، މި ދަތުރުގެ މަގްސަދަކީ ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީއާ ބައްދަލުކުރުމާއި، ގދ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ފުކެޓާއި ޕަތާޔާގެ ޓޫރިޒަމް ޕްރޮމޯޝަން އޮފިޝަލުންނާ މަޝްވަރާކުރުމެވެ. އެހެންނަމަވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސުވާލު އުފައްދާފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމްއެމްޕީއާރުސީ ފަދަ ޚާއްސަ އިދާރާއެއް އޮންނައިރު، ލޯކަލް ކައުންސިލަކުން މިފަދަ ކަންކަން ސީދާ ކުރުމުގެ ބޭނުންތެރިކަމާ މެދުއެވެ.
އޮޑިޓް ރިޕޯޓުގައި ވަރަށް ސާފުކޮށް ފާހަގަކޮށްފައިވަނީ، ކައުންސިލުން އެމްއެމްޕީއާރުސީއާ މި މައްސަލައިގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމެވެ. މިއީ ހަގީގީ މަގްސަދު ހާސިލުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމެއްކަމުގައި ވީނަމަވެސް، އެކަން ކޮށްފައި ނުވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފާއަކީ، ކައުންސިލްތަކުން މިފަދަ ބޭރުގެ ދަތުރުތައް ކުރަން ބޭނުންވާނަމަ، ފިނޭންސް މިނިސްޓްރީގެ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވުމާއެކު، ސްޕޮންސަރުންގެ އެހީތެރިކަން ހޯދައިގެން ނޫނީ އެފަދަ ދަތުރުތައް ކުރިއަށް ނުގެންދިއުމެވެ. މިއީ ދައުލަތުގެ ފައިސާ ރައްކާތެރިކަމާއެކު ބޭނުންކުރުމަށާއި، ހަރަދުތައް ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމު ކަމެއްކަމުގައި އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ