އެމްއެމްއޭގެ އައު މެގަޒިންއަށް ލިޔުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ އައު މެގަޒިންއަށް ލިޔުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
11 ސެޕްޓެމްބަރ 2025 08:14
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ އިޤްތިޞާދާއި މާލީ ދާއިރާއާ ގުޅޭ އައު މެގަޒިންއެއް ނެރުމަށް ތައްޔާރުވަމުން ދާއިރު، މި މަޖައްލާއަށް ލިޔުން ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

މި މަޖައްލާ ނެރުމުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ މާލީ ހޭލުންތެރިކަން އިތުރުކޮށް، މަޢުލޫމާތާ އެކު މަޝްވަރާކުރެވޭނެ މާހައުލެއް ޤާއިމުކުރުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މީގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ތަޢުލީމީ މާހިރުންނާއި، އިންޑަސްޓްރީގެ ތަޖުރިބާކާރުންނަށް ދިރާސާތަކާއި ސިޔާސަތުތަކާ ބެހޭ ޚިޔާލުތަކާއި، އީޖާދީ ވިސްނުންތަކާއި، ކުރިއަރަމުން އަންނަ ޓްރެންޑުތައް ހިއްސާކުރެވޭނެ ވަސީލަތެއް ޤާއިމުކުރުން ވެސް ހިމެނެ އެވެ.

"ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޯ އައިލެންޑް އިކޮނޮމީސް" މި ނަމުގައި ނެރޭ ފުރަތަމަ އެޑިޝަން ހާއްސަ ވާނީ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުތަކަށް ފިންޓެކް ޓެކްނޮލޮޖީގެ މުހިންމުކަމާ ބެހޭ ގޮތުންނެވެ.

ހުށަހަޅާ ލިޔުންތައް ވާންޖެހޭނީ އިނގިރޭސި ބަހުން ލިޔެފައިވާ، 500 އިން 2000 ލަފުޒާ ދެމެދުގެ ލިޔުންތަކަށެވެ. ލިޔުންތައް ރިވިއު ކުރާނީ މެގަޒިންގެ އެޑިޓޯރިއަލް ބޯޑުން ކަމަށާއި، ލިޔުމުގެ ފެންވަރާއި، އުފެއްދުންތެރިކަމާއި، ދިގުމިނަށް ބަލައިގެން ހޮވާނެ ކަމަށް އެމްއެމްއޭ އިން މަޢުލޫމާތު ދީފައިވެ އެވެ.

މެގަޒިންއަށް ހޮވޭ ލިޔުންތަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވާއިރު، ލިޔުން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. މި ފުރުސަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ރަސްމީ ޗެނަލްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް އިރުޝާދު ދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.