ބ. ދޮންފަނުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވި ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމެވުމާއި ގުޅިގެން ދޮންފަނުގައި ބިން ނުހިއްކާ؛ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެރަށުގައި 13.59 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް އޮގަސްޓް 13 ވަނަ ދުވަހު ދޮންފަނަށް ކުރެއްވި ޒިޔާރަތުގައެވެ. އެހެންނަމަވެސް ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މި މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މި ކަމާ ގުޅިގެން ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލިޔަސް އެރަށުގެ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ތެރޭގައި 73 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 1276 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 314 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. ހަމައެއާއެކު 24 މީޓަރު ފުޅާމިނުގައި 2 މީޓަރު ދިގުމިނުގެ ޖެޓީއެއް ބިނާކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނިފައިވެއެވެ.
ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ނިންމެވި މި ނިންމެވުމަކީ ދޮންފަނު ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެރަށުގެ ތަރައްޤީގެ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ޔަޤީންކަން ދީފައެވެ.
ކޮމެންޓު ފޮނުވާ