ރަތް ކަނޑުގައި އަޅާފައިވާ ސަބްމެރިން ފައިބަރު ކޭބަލަށް ގެއްލުންވުމުގެ ސަބަބުން އޭޝިއާ، މެދުއިރުމައްޗާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިންޓަނެޓް ޚިދުމަތަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރާއްޖޭގައި އުރީދޫން ފޯރުކޮށްދޭ އިންޓަނެޓް ޚިދުމަތަށް އެއްވެސް އަސަރެއް ނުކުރާކަމަށް އެ ކުންފުނީގެ ސީއީއޯ ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.
މި ކޭބަލް މައްސަލައިގެ ސަބަބުން އިންޑިއާ، ޕާކިސްތާން އަދި އިތުރު ގައުމުތަކުގެ އިންޓަނެޓް ކަނެކްޓިވިޓީއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، މައިކްރޮސޮފްޓުގެ އަޒޫރު ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމް ފަދަ ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ ކުންފުނިތަކުގެ ސަރވިސްތަކަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައިވެއެވެ.
ރާއްޖޭގެ އިންޓަނެޓް ޚިދުމަތަށް މި މައްސަލައިގެ އަސަރު ކުރާނެތޯ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، ނިޔާޒް ޔަޤީންކަން ދެއްވީ އުރީދޫގެ ނެޓްވޯކަށް އެއްވެސް ބުރޫލެއް ނާރާކަމަށެވެ.
ނިޔާޒު ވިދާޅުވީ ސަބްމެރިން ކޭބަލްތައް ހުންނަނީ ސިންގަޕޫރު ފަދަ އެހެން ސަރަހައްދުތަކާ ގުޅާލެވިފައިކަމަށާއި، އެއް ދިމާލަކުން މައްސަލައެއް ދިމާވިޔަސް، އަނެއް ދިމާލުން ޚިދުމަތް ފޯރުކޮށްދެވޭ ގޮތަށް ނެޓްވޯކް ޑިޒައިންކޮށްފައި ހުންނަ ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އުރީދޫގެ ނެޓްވޯކް އިންފްރާސްޓްރަކްޗަރ ބިނާކޮށްފައިވަނީ މިފަދަ ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދެވޭ ގޮތަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރަތް ކަނޑުގައި އަޅާފައިވާ މި ކޭބަލަކީ އޭޝިއާ، މެދުއިރުމައްޗާއި ޔޫރަޕް ގުޅުވާލައިދޭ މުހިންމު ޑިޖިޓަލް ހައިވޭއެކެވެ. މި ކޭބަލަށް ގެއްލުންވުމުން ބައިނަލްއަޤްވާމީ ފެންވަރުގައި އިންޓަނެޓް ޚިދުމަތަށް ކުރިމަތިވި ދަތިތަކުގެ ސަބަބުން އެކި ގައުމުތަކުގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން ވަނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ފަށާފައެވެ.
ކޮމެންޓު ފޮނުވާ