މީޑިއާގެ މިނިވަންކަން ހަނިކުރާ ކަމަށް ބުނާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި ކަމާ ގުޅޭ މުއައްސަސާތަކުން އަޑު އުފުލަމުން ދާއިރު، މި މައްސަލައިގެ ހައްލު ހޯދުމަށް ހުރިހާ ސިޔާސީ ޕާޓީތައް ބައްދަލުކޮށް މަޝްވަރާ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ދިރާސާ ކުރަމުން އަންނަ މި ބިލާ މެދު ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ރެގިއުލޭޓްރީ ނިޒާމަކީ ކޮބައިކަން ދިރާސާ ނުކޮށް ގާނޫނެއް ހަދައިފި ނަމަ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.
މީޑިއާ ކައުންސިލުގެ ރައީސް ހުސެއިން ސަގީފު ވިދާޅުވީ، މި ބިލަކީ މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށާއި، ނޫސްވެރިންގެ ހިމާޔަތުގައި އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށެވެ. އޭނާ އެދިވަޑައިގަތީ، ބަންޑާރަ ނައިބުގެ އޮފީހުން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް އާ ބިލެއް އެކުލަވާލުމަށާއި، މިހާރު ހުށަހެޅިފައިވާ ބިލު އަނބުރާ ގެންދިއުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހަފްތާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ، ބިލްގައި ރައީސަށް ބާރު ލިބިވަޑައިގަންނަވާ މާއްދާތައް އިސްލާހުކޮށް، މީޑިއާ ކޮންޓްރޯލް ނުކުރެވޭ ގޮތަށް ހައްދަވާނެ ކަމަށެވެ. މި ބިލުގެ ދަށުން ނޫސްވެރިން 25،000 ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެ އަދި ނޫސްތައް 100،000 ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ކޮމިޓީން ވަނީ މި ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ގެ ކުރިން ނިންމުމަށް ނިންމާފަ އެވެ.
ކޮމެންޓު ފޮނުވާ