ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ރައީސް ޔާމީންގެ ހަރުކަށި ފާޑުކިޔުއްވުންތަކެއް!

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ރައީސް ޔާމީންގެ ހަރުކަށި ފާޑުކިޔުއްވުންތަކެއް!

Author
ޙަސަން މުޙައްމަދު
22 އޮގަސްޓް 2025 12:31
0

ޕީއެންއެފް އުފެއްދުމަށްފަހު ފުރަތަމަ ފަހަރަށް އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވުނު މި ޖަލްސާގައި ޕީއެންއެފްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.

މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަ ވިދާޅުވެ، މަސް ކިލޯއެއް މިހާރު ކިރަނީ 16 ރުފިޔާއަށް ކަމަށާއި މިއީ މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެ އަގެއް ކަމަށް ވިދާޅުވި އެވެ.

ދިވެހި ރުފިޔާގެ އަގު ވެއްޓިފައިވާ މިންވަރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސް ކިރާ އަގާއި ޑޮލަރު ގަތުމަށް ޖެހޭ އަގަށް ބަލާއިރު ރުފިޔާގެ އަގު 35 ޕަސެންޓް ވަރަކަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މިކަން ވެގެން އުޅެނީ އާންމު ރައްޔިތުން ކުރި ކަމަކުން ނޫން ކަމަށާއި މިއީ ސަރުކާރުތަކުގެ ނާކާމިޔާބު ސިޔާސަތުތަކުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ހިންގުމާ މެދު ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ވާހަކަ ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރާ މެދު ހިތްހަމަޖެހޭ މީހަކު ނެތް ކަމަށާއި މީހަކަށް ވާހަކަ ދައްކަން ފުރުސަތު ދިނީމަ އެކަން ސާފުވާނެ ކަމަށެވެ. ދިވެހި ދައުލަތް މިހާރު ވަނީ ދަތިކަމާއި ނިކަމެތިކަން ތަހައްމަލުކުރަމުންދާ ހާލަތަކަށް ވެއްޓިފައި ކަމަށާއި މިފަދަ ބޭއިންސާފު ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން ބައިބައިވެ ފުނޑިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް މީހުންގެ ޖީބުތައް ރިޝްވަތުގެ ފައިސާއިން ފުރިގެންދާއިރު އާންމު ރައްޔިތުންގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށެވެ. ކޮރަޕްޝަނާއި ހިޔާނާތަކީ މުޖުތަމައު ހަލާކުވެގެންދާނެ އެންމެ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ، މިކަންކަމާ ދެކޮޅަށް ރައްޔިތުން ހޭލައި އަޑުއުފުލުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ޖަލްސާގައި ވާހަކަފުޅު ނިންމަވަމުން ރައީސް ޔާމީން ވަނީ ރައްޔިތުންނަށް އަމާޒުކޮށް "ހޭލަންވެއްޖެ" ކަމަށް ވިދާޅުވެ، މިހާރުގެ ހާލަތު ބަދަލުކުރުމަށް އެންމެން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ. މިސަރުކާރުގައި މަގާމުތަކުގައި ތިބި މީހުން ފިޔަވައި އެހެން އެއްވެސް މީހަކު ހިތްހަމަޖެހިގެން ނޫޅޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.