މާލޭގެ ޓްރެފިކް ޖޭމްގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފެށިއްޖެ އެވެ. މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
144 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ މަގު ތަރައްގީކުރާނީ މަގު ފުޅާކޮށް ހަތަރު ލޭނަށެވެ. މި މަސައްކަތް ނިންމާނީ އަންނަ 455 ދުވަސް ތެރޭގައެވެ.
މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި މަޝްރޫއުއަކީ މާލޭގެ ތޮއްޖެހިފައިވާ ވެހިކަލްތަކުން ދަތުރުފަތުރަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު ބައިގެ ފެށުން ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މަޝްރޫއު ކުރިއަށް ގެންދާނީ އެކި ސެގްމެންޓްތަކަށް ބަހާލައިގެން ރައްޔިތުންނަށް ދަތިތައް އެންމެ ކުޑަވާނެ ގޮތަށެވެ.
"މި މަސައްކަތާ އެއްކޮށް އެންމެ ބޮޑަށް އުއްމީދުކުރަނީ ބޮޑު ފާލަމާއި އަދި މާލޭގެ މާރުކޭޓު ސަރަހައްދަށް ދަތުރުކުރާ އުޅަނދުތަކަށް ދަތިތައް ފިލައިގެން ދާނެ ކަމަށް. ދެން ހުރި ސެގްމެންޓްތައް ނިމުމުން އެ މަގުން ދިމާވާ ދަތުރުފަތުރުކުރުމުގެ އުނދަގޫތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ޓެކްނިކަލް މަސައްކަތްތަކުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް ޗައިނާގައި ކުރަމުން އަންނަ ކަމަށެވެ. މާލޭގެ ހުރިހާ މަގެއްގެ މަސައްކަތް ފެށުމުން މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުން ޖުމްހޫރީ މައިދާން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ވެސް ފެށޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ރަސްފަންނު ވެސް އިތުރަށް ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަސައްކަތްތައް ކުރުމަކީ ދަތި ކަމަކަށްވާނެ ކަމަށް ފާހަގަކުރައްވަމުން، މުއްތަލިބު ވިދާޅުވީ، "ހަމަ ހަގީގަތުގައި ވެސް ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަސައްކަތެއް ފަށައިގެން ކުރިއަށް ދިއުމަކީ ދަތި އުނދަގޫ ކަމެއް. އެހެންކަމުން އެ ވަރަށް ޕްލޭންކޮށްގެން ރާވައިގެން މަސައްކަތް ކުރިއަށް ގެންދަން މި ޖެހެނީ." މާލޭގެ ތޮއްޖެހުން ބޮޑުވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މި މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް އެ މަގު ބަންދުވާނެއެވެ. މަގު ފުޅާކުރާއިރު، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެ ސަރަހައްދުގެ ފަޅު ވެސް އެ މުއްދަތަށް ބަންދުވާނެއެވެ. މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމުކޮށް، ރޯޑް މާކިންއާއި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ އެމްޓީސީސީންނެވެ.
ކޮމެންޓު ފޮނުވާ