މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް މިހާތަނަށް 23 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޓްރާންސްފާކޮށްފައިވާކަމަށް އެމްއެމްއޭ އިން ހާމަކޮށްފި އެވެ.
2023 ވަނަ އަހަރުގެ އޮގަސްޓް 26 ގައި އިފްތިތާހުކުރި މި ހިދުމަތުގެ ސަބަބުން އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވުމުގެ ފަސޭހަކަން ރާއްޖޭގައި ފަހިވެފައިވެ އެވެ. އެމްއެމްއޭ އިން ނެރުނު ޕޭމެންޓްސް ބުލެޓިންގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިދުމަތް ފެށުނުތާ މިހާތަނަށް 7.7 މިލިއަނަށްވުރެ ގިނަ ޓްރާންސެކްޝަން ހިންގައި، ޖުމުލަ 23.7 ބިލިއަން ރުފިޔާ ފަވަރަ ސިސްޓަމް މެދުވެރިކޮށް ބަދަލުކުރެވިފައިވެ އެވެ.
މިވަގުތު ފަވަރަ ހިދުމަތް ފޯރުކޮށްދެމުންދަނީ ރާއްޖޭގެ މައިގަނޑު މާލީ މުއައްސަސާތަކުން ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކުންނެވެ. މީގެ އިތުރުން ހަބީބް ބޭންކް ލިމިޓެޑް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް އިން ވެސް މި ހިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ.
ފަވަރަ ސިސްޓަމަކީ ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު ކުރިއެރުވުމަށް އެމްއެމްއޭ އިން އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށާއި، މި ސިސްޓަމުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފައިސާގެ މުއާމަލާތްތައް ހިންގުން ވަރަށް ބޮޑަށް ފަސޭހަވެފައިވާކަން ފާހަގަކުރެވެ އެވެ.
ކޮމެންޓު ފޮނުވާ