ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ފައިސާ ހޯދަން ބައެއް ފަޅުތަކާއި ފަޅުރަށްތައް ވިޔަފާރި އުސޫލުން ތަރައްގީކުރަން ހުޅުވާލައިފި

ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ފައިސާ ހޯދަން ބައެއް ފަޅުތަކާއި ފަޅުރަށްތައް ވިޔަފާރި އުސޫލުން ތަރައްގީކުރަން ހުޅުވާލައިފި

Author
އަހުމަދު
16 އޮގަސްޓް 2025 10:59
0

ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ބައެއް ރަށްރަށުގެ ފަޅުތަކާއި ފަޅުރަށްތައް ވިޔަފާރި އުސޫލުން ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތުގެ ދަށުން ކ. ހިންމަފުށީގެ ފަޅުން ބަޔަކާއި ކ. ގުރައިދޫ ކައިރީގައި އޮންނަ ޅޮސްފުށި ކުއްޔަށް ދިނުމަށް މި މަހުގެ 3 ވަނަ ދުވަހު ވެމްކޯއިން އިއުލާން ކޮށްފައިވެ އެވެ. މި ދެ ތަން ދޫކުރަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ތަރައްގީކޮށްދޭނެ ފަރާތްތަކަށް ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

މި ތަންތަނުގެ ޕްލޭނިން، ޑިޒައިން އަދި ތަރައްގީގެ އެންމެހައި ކަންކަން ކުރާނީ ބީލަން ކާމިޔާބުކުރާ ފަރާތުން އަމިއްލައަށް ކަމަށާއި، މި މަޝްރޫއުތަކަށް ވެމްކޯ އާއި ކައުންސިލްތަކުން އެއްވެސް މާލީ އެހީތެރިކަމެއް ފޯރުކޮށް ނުދޭނެ ކަމަށް ވެސް އިއުލާންތަކުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ގެ ކުރިން ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވެ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް މި ކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އިނިޝިއެޓިވްގެ މައިގަނޑު މަގްސަދަކީ ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ސަރުކާރުގެ ސަބްސިޑީއާ ނުލައި، އަމިއްލަ ގޮތެއްގައި ފައިސާ ހޯދައިގެން މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

"މި ތަންތަން ނަގާ ފަރާތުން އެ ތަނުގައި އިންވެސްޓް ކޮށްގެން ވިޔަފާރި ހިންގާނެ. އެ ތަނުން ލިބޭ ނަފާގެ ބައެއް ވެމްކޯ އަށް ދޭންޖެހޭނެ. އަޅުގަނޑުމެން ވެމްކޯއިން ގެސްޓް ހައުސް ހިންގާކަށް ނޫން މި އުޅެނީ. މި ތަންތަނުގެ ކުލިން ލިބޭ އާމްދަނީ ބޭނުންކޮށްގެން އެ ރަށެއްގެ ކުނި މެނޭޖުކުރުމުގެ ހަރަދު ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުން މި އުޅެނީ،" މުޖުތަބާ ވިދާޅުވި އެވެ.

މި އައު އެޕްރޯޗަކީ ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ވެމްކޯއިން އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ފެންނަމުން ދެ އެވެ. މި މޮޑެލް ކާމިޔާބު ވެއްޖެނަމަ، ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަކަށް ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ އައު މަގެއް ހުޅުވިގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.