ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ ދަރިކަލުން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކުރެއްވި ބޮޑެތި ތުހުމަތުތަކާ ގުޅިގެން ޖުމްހޫރީ ޕާޓީންވެސް ޔާމިންއާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައެވެ.
ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވެފައިވަނީ، ގާސިމް އާއި އެމަނިކުފާނުގެ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށެވެ. މި ތުހުމަތާ ގުޅިގެން ޖުމްހޫރީ ޕާޓީން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިއުލާން ކޮށްފައެވެ.
އެ އިންޓަވިއުގައި ޔާމީން ވަނީ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމަށް ވެސް ސީދާ ތުހުމަތުތަކެއް ކުރައްވާފައެވެ. ޔާމީންގެ ވިދާޅުވުމުގައި، 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މައުމޫން ޖަލަށްލުމުގައި ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދުމުން، މޮބައިލް ފޯނު ހަވާލުކުރުމަށް ފުލުހުން އެދުމުން މައުމޫން ވިދާޅުވީ ފޯނެއް ނުގެންގުޅުއްވާ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.
މައުމޫންގެ އޮފީހުން މި ވާހަކަތައް ވަނީ ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ. އެ އޮފީހުން ބުނެފައިވަނީ މިއީ އެއްވެސް ހަގީގަތެއް ނެތް، އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި، މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ޕާޓީތަކުގެ އެންމެހައި މުހިންމު ލީޑަރުން ހައްޔަރު ކުރެވި، ޖަލަށް ލެވުނު ކަމަކީ ތާރީޚުން ފެންނަން އޮތް ހަގީގަތެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގާސިމް އިބްރާހިމް، އިބްރާހިމް ސިޔާދު، މައުމޫން އަބްދުލްގައްޔޫމް އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ