ޤައުމުގެ ތަރައްޤީއާ ގުޅޭ ހުރިހާ ނިންމުންތަކެއް ނިންމުމުގައި ޒުވާނުންގެ އަޑު އަހައި، އެބައިމީހުން ބައިވެރިކުރުވަން ޖެހޭ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މިއަދު ފާހަގަކުރާ އިންޓަނޭޝަނަލް ޔޫތު ޑޭގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވީ، ޒުވާނުންނަކީ ބަދަލު ގެނައުމުގެ އެޖެންޓުންގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށާއި، ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކުގައި ޒުވާނުން ބައިވެރިކުރުވާނެ މާހައުލެއް އުފެއްދުމަށް ސަރުކާރުން ކޮމިޓްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރާއި ބައިނަލްއަޤުވާމީ މުޖުތަމައުން ނިންމާ ނިންމުންތަކުގައާއި، ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް ހާސިލުކުރުމުގެ މަސައްކަތުގައި ޒުވާނުން ބައިވެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، ޒުވާނުން އެދޭ ގޮތަށް ކަންކަން ނިންމުމަށް ހުރިހާ ދާއިރާއަކުން މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.
މިއަހަރު ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރަނީ "އެސްޑީޖީތަކާއި އޭގެ ފަހަށް ޒުވާނުން ކުރާ ރަށުފެންވަރުގެ މަސައްކަތްތައް" މި ތީމްގެ ދަށުންނެވެ. މި ތީމުން އުޖާލާކޮށްދެނީ، ދުނިޔޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރެވެ.
އދ.ގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި، އެސްޑީޖީ ޓާގެޓްތަކުގެ 65 އިންސައްތައަށްވުރެ ގިނަ ޓާގެޓްތައް ހާސިލުކުރުމަށް ރަށު ފެންވަރުގެ ލޯކަލް ގަވަމަންޓްތަކުގެ ދައުރު މުހިންމުވެއެވެ. މިކަމުން ފާހަގަކޮށްދެނީ، ތަރައްޤީގެ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުމަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ކޮންމެހެން ބޭނުންވާ ކަމެއް ކަމެވެ.
ޒުވާނުން ގެންގުޅޭ އާ ޚިޔާލުތަކާއި، އުފެއްދުންތެރި ވިސްނުންތަކާއި، މުޖުތަމަޢުގެ ބޭނުންތައް ދެނެގަތުމުގެ ޤާބިލިއްޔަތަކީ، ސިޔާސަތުތަކާއި ޢަމަލީ މަސައްކަތްތަކާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް އެހީތެރިވެދޭ ކަންކަން ކަމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ގަބޫލުކުރެވެއެވެ. އެހެންކަމުން، ޤައުމީ އަދި ބައިނަލްއަޤުވާމީ އިލްތިޒާމްތައް ހާސިލުކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ