އުރީދޫ މޯލްޑިވްސްއިން ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ތެރެއިން، ދިވެހި ސަގާފަތުގެ މުހިންމު ބައެއްކަމުގައިވާ ބޮޑުބެރު ދަސްކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ތައްޔާރުކޮށްފިއެވެ. މި ޕްރޮގްރާމުގައި ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުކަމުގައި ހަރަކާތްތެރިވާ، ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް ބޮޑުބެރުން ސީދާ އިރުޝާދު ދޭނެއެވެ.
ހަތަރު ހަފުތާގެ މުއްދަތަށް ރޭވިފައިވާ މި ޚާއްސަ ތަމްރީނު ސެޝަންތައް ފެށޭނީ އޮގަސްޓް 16 ގައެވެ. ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭގަނޑު 8:00 އިން 11:00 އަށް އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގެ ހަތަރުވަނަ ފަންގިފިލާގައި ކްލާސްތައް ކުރިއަށްދާނެއެވެ. އޮގަސްޓް 16، 23، 30 އަދި ސެޕްޓެމްބަރު 6 ގައި ބާއްވާ މި ސެޝަންތަކުގައި، ހަބޭސް ބޮޑުބެރުގެ ތަޖުރިބާކާރު މެންބަރުން ބޮޑުބެރުގެ އަސާސީ ޓެކްނިކްތަކާއި، ރިތަމް ޕެޓާންތައް އަދި ޕާފޯމަންސް ހުނަރުތައް ދަސްކޮށްދޭނެއެވެ.
18 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި ބައިވެރިވެވޭނީ 20 މީހުންނަށެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި ކްލާސްތަކުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމެވެ. ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 16 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. ފުރަތަމަ ރަޖިސްޓަރީ ކުރާ 20 ފަރާތަކަށް މި ފުރުސަތު ލިބޭނެއެވެ.
ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އައިސް 20 އަހަރު ފުރިހަމަވާ މި މުނާސަބަތުގައި އުރީދޫން ދިވެހި ސަގާފަތާއި ތަރިކަ ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ތެރެއިން މިފަދަ ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ. ބޮޑުބެރަކީ ދިވެހި ސަގާފަތުގެ ވައްޓަފާޅީގެ މުހިންމު ބައެއްކަމުން، ޒުވާން ޖީލަށް މި ހުނަރު ފޯރުކޮށްދިނުމަކީ ކުންފުނިން އިސްކަން ދޭ ކަމެއް ކަމަށް އުރީދޫން ބުނެއެވެ.
ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ. ބައިވެރިންނާ މުއާމަލާތް ކުރެވޭނީ ރަޖިސްޓްރޭޝަންގައި ދީފައިވާ ފޯން ނަންބަރު ނުވަތަ އީމެއިލް އެޑްރެސް މެދުވެރިކޮށް ކަމަށް އުރީދޫން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ