އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސަރަހައްދަށް ކުރަމުންދާ ހަމަލާތަކުގައި ދުވާލަކު އެވްރެޖުކޮށް 28 ކުޑަކުދިން ޝަހީދުވަމުންދާކަމަށް އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން މިއަދު ހާމަކޮށްފިއެވެ. މިއީ ކްލާސްރޫމެއްގައި ތިބޭ ކުދިންގެ އަދަދާ އެއްވަރުގެ އަދަދެކެވެ.
ޔުނިސެފުން އެކްސް (ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުނީއްސުރެ މިހާތަނަށް 18،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވެއެވެ. މިއީ ކޮންމެ ގަޑިއިރަކު އެއް ކުއްޖަކު ޝަހީދުވާ މިންވަރެވެ.
ޔުނިސެފުން ބުނި ގޮތުގައި ކުޑަކުދިން މަރުވަނީ ހަމައެކަނި ބޮމު ހަމަލާތަކުން ނޫނެވެ. ރަނގަޅު ކާނާ ނުލިބުމާއި، ހައިހޫނުކަމާއި، އަސާސީ ހިދުމަތްތައް ނުލިބުމުގެ ސަބަބުންވެސް ކުޑަކުދިން މަރުވަމުން ދެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި އަށް ކުއްޖަކު މަރުވެފައިވެއެވެ.
ޣައްޒާގެ ކުޑަކުދިން މިވަގުތު އިންތިހާ ދަރަޖައަށް ބޭނުންވެފައިވަނީ ކާނާ، ސާފު ބޯފެން، ބޭސްފަރުވާ އަދި ރައްކާތެރިކަމަށް ކަމަށް ޔުނިސެފުން ވަނީ ފާހަގަކޮށްފައެވެ. "އެއްވެސް ކަމަކަށްވުރެ ބޮޑަށް އެ ކުދިން ބޭނުންވަނީ ހަމަލާތައް ހުއްޓާލަން" ކަމަށް އެ އެޖެންސީން ބުންޏެވެ.
އިޒްރޭލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ ސަބަބުން މިހާތަނަށް 188 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ބަނޑުހައިހޫނުކަމުގެ ހާލަތުގައި ތިބި 94 ކުޑަކުދިން ހިމެނެއެވެ.
ހަމާސް ޖަމާޢަތުން އިޒްރޭލުގެ ދެކުނު ސަރަހައްދަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ޖުމްލަ 60،933 މީހުން ޝަހީދުވެފައިވާއިރު، 150،027 މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ