އުރީދޫން ރާއްޖޭގެ ފުރަތަމަ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލައިފި

އުރީދޫން ރާއްޖޭގެ ފުރަތަމަ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލައިފި

Author
ހުސައިން
02 އޮގަސްޓް 2025 10:18
0

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ތާރީޚީ ބަދަލެއް ގެނެސް، އުރީދޫ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލާއިފިއެވެ. މި ޚިދުމަތް ލިބިގެންދިޔަ ފުރަތަމަ ރިސޯޓަކީ ސައުތު މާލެ އަތޮޅުގައި އޮންނަ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓެވެ.

މި ޒަމާނީ ކޭބަލް ސިސްޓަމް މެދުވެރިކޮށް، އިތާފުށި ރިސޯޓް މާފުށި ހުރަހާ ހުޅުމާލޭގައި ގާއިމުކޮށްފައިވާ އުރީދޫ މޯލްޑިވްސްގެ އެންމެ ފަހުގެ ޑޭޓާ ސެންޓަރާ ގުޅުވާލެވިފައި ވެއެވެ. މި ގުޅުން ގާއިމުވުމުން ރިސޯޓަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އިންޓަނެޓް ސްޕީޑާއި، ބޮޑު ކެޕޭސިޓީއެއް ލިބިގެންދާނެ ކަމަށް އުރީދޫން ހާމަކުރެއެވެ.

މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިބްރާހީމް ތާރިގު، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ، ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ ޖެނެރަލް މެނޭޖަރ ޓީޖޭ ޖައުލަކް، ކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއޯ އިލްޔާސް އިބްރާހީމް އަދި މާފުށީ ސިޓީ ކައުންސިލްގެ ރައީސް ހަސަން ސޮލާޙް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހާލިދު އަލް ހަމާދީ ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ މުއާސަލާތީ ދާއިރާގައި އެންމެ ކުރިއަށް އޮތް ކުންފުންޏެވެ. "އަޅުގަނޑުމެން ވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ގެނެސް، ތަރައްގީގެ އަލި މަގުތައް ހުޅުވާލާ، ދިވެހި މުޖުތަމައުގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ،" އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަކީ ޑިޖިޓަލް ޑިވައިޑް ކުޑަކޮށް، އިސްތިގުބަލަށް ތައްޔާރުވެފައިވާ ޓެކްނޮލޮޖީ މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތައް ގުޅުވާލުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ހިސާބަކެވެ. އެއައި ޓެކްނޮލޮޖީއާއި ޕްރައިވެޓް 5ޖީ ނެޓްވޯކް ފަދަ ޒަމާނީ ޚިދުމަތްތައް ރިސޯޓަށް ފޯރުކޮށްދެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މޯލްޑިވްސް ރާއްޖޭގައި ޚިދުމަތް ދޭތާ 20 އަހަރު ފުރުމާ ދިމާކޮށް ކުރިއަށް ގެންދެވުނު މި މަޝްރޫއުން، "ޑިޖިޓަލް މޯލްޑިވްސް" ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މިންވަރު ފެންނަން އޮތް ކަމަށް އުރީދޫން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.