ތިލަމާލެ ބްރިޖުގެ ކޮލިޓީ ޔަގީންކަން ދިނުމުގެ މަސައްކަތް ކުރަމުންދާ މިނިވަން ކޮންސަލްޓަންޓް ކުންފުނި އަރޫޕްއާ ދެމެދު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރި ކަމަށް ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ތިލަމާލެ ބްރިޖުގެ ފެންވަރު ބެލެހެއްޓުމުގެ މަސައްކަތް ކުރާ ކުންފުންޏާއެކު ކުރެވިފައިވާ އެއްބަސްވުން މިހާރުގެ ސަރުކާރުން ބާތިލުކޮށްފައިވާ ކަމަށާއި، އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކިވާން ނޯޓިސް ދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ. އަދި މިގޮތަށް ކުންފުނިން ޢަމަލުކޮށްފައިވަނީ ސަރުކާރާއެކު ކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅިގެން ކަމަށްވެސް ބުނެފައިވެއެވެ.
މިނިސްޓަރު މުއްތަލިބު ކުރެއްވި ޕޯސްޓެއްގައި މި ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
މިނިސްޓްރީ އޮފް ހައުސިންގ އިން މިމަހުގެ 1 ވަނަ ދުވަހު ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖުގެ ހުރިހާ ތަނބުތަކެއް ޖެހި ނިމި، މުޅި މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަވެފައެވެ. އަދި ބާކީ ހުރި މަސައްކަތްތަކުގައިވެސް އެހާމެ ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށް މިނިސްޓްރީން ބުނެއެވެ.
ތިލަމާލެ ބްރިޖު މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙުގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ އޮގަސްޓު 26 ގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާ ހަވާލުކުރި މަޝްރޫޢެކެވެ. ޞޯލިޙުގެ ވެރިކަން ނިމުނުއިރު މި މަޝްރޫޢުގެ 29 އިންސައްތަ ވަނީ ނިމިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދޮޅު އަހަރު ތެރޭގައި އިތުރު 31 އިންސައްތަ މަސައްކަތް ނިންމާލައި، މިހާރު މަޝްރޫޢުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
މާލެއާއި ވިލިމާލެ، ވިލިމާލެއާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ތިން ބްރިޖެއް އެކުލެވޭ މި މަޝްރޫޢު 2026 ވަނަ އަހަރުގެ ސެޕްޓެންބަރު 30 ގައި ސަރުކާރާ ހަވާލުކުރުމަށް ހަމަޖެހިފައިވެއެވެ. ބްރިޖުގެ ޕްރީކާސްޓް ސެގްމަންޓުތައް ތައްޔާރުކުރަނީ ގުޅީފަޅުގައެވެ.
މަޝްރޫޢު ދެ ބަޔަކަށް ބަހާލެވިފައިވާއިރު، މާލެއިން ގުޅީފަޅާ ހަމައަށް ހިމެނޭ "އޭ" ސެކްޝަން 2026 ވަނަ އަހަރުގެ މާރިޗު 31 ގެ ކުރިން ނިންމާލާނެއެވެ. ގުޅީފަޅުން ތިލަފުއްޓާ ހަމައަށް ހިމެނޭ "ބީ" ސެކްޝަން 2026 ވަނަ އަހަރުގެ ސެޕްޓެންބަރު 30 ގެ ކުރިން ފުރިހަމަކުރާނެއެވެ.
އިންޑިއާ ސަރުކާރުގެ ލޯން އެހީއާއި ހިލޭ އެހީގެ ދަށުން 500 މިލިއަން ޑޮލަރު، ނުވަތަ 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރާ މި މަޝްރޫޢަކީ ރާއްޖޭގެ ޓްރާންސްޕޯޓް ދާއިރާއަށް ގެނެވޭ އެންމެ ބޮޑު ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.
ކޮމެންޓު ފޮނުވާ