ދިވެހި ރައްޔިތުންގެ ދިރިއުޅުން ބިނާކުރުމުގައި އިސްލާމީ އުސޫލުތަކަށް އިސްކަންދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ މައިގަނޑު އަސާސް ކަމުގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މާލޭގައި ހުންނަ ސަލްމާން ރަސްގެފާނު މިސްކިތުގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ.
"މިއީ ދިވެހި މުޖްތަމަޢުގެ ސަޤާފީ ހޭލުންތެރިކަން އިތުރުކޮށް، އަޅުގަނޑުމެންގެ އަސްލު ސަޤާފަތާއި ޙަޟާރަތް ދިރުވައި، އާލާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ވަޒީރު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގައި އަމާޒުކުރައްވާ ކަންތައްތަކުގެ ތެރޭގައި ޤައުމުގެ މާއްދީ ތަރައްޤީއާއެކު މާނަވީ ތަރައްޤީ ގެނައުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިކަމުގައި އިސްލާމީ އިލްމު ފެތުރުމާއި ދީނީ ތަޢުލީމަށް ފުރުޞަތުތައް ފަހިކުރުން ހިމެނޭ ކަމަށެވެ.
ފޮތް ކިޔުމުގެ ސަޤާފަތް ދިރުވުމާއި، އިސްލާމީ ތާރީޚާއި ތަމައްދުނާ ބެހޭ މަޢުލޫމާތު ޒުވާން ޖީލަށް ފޯރުކޮށްދިނުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވަޒީރު އާދަމް ނަސީރު ވަނީ ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.
މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ މި ކުތުބުޚާނާގައި 15،000 އަށް ވުރެ ގިނަ ދީނީ އަދި ތަޢުލީމީ ފޮތްތައް ބެހެއްޓިފައިވާއިރު، ކިޔުންތެރިންނަށް ހިތްގައިމު މާހައުލެއްގައި ފޮތް ކިޔުމުގެ ފުރުޞަތު ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ. ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ މި ތަނުގައި ދަރިވަރުންނާއި ރިސާޗަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް މިފަދަ އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއީ ދިވެހި މުޖްތަމަޢުގެ ދީނީ އަދި ސަޤާފީ ހަރަކާތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ބައެއްކަން ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ