ވީއައިއޭގެ އާ ޓާމިނަލް ކުރިމަތީ މަގުން ކާރެއް އަރިއަޅާލައިފި

ވީއައިއޭގެ އާ ޓާމިނަލް ކުރިމަތީ މަގުން ކާރެއް އަރިއަޅާލައިފި

Author
ހުސައިން
06 ޖުލައި 2025 12:01
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ކުރިމަތިން އަލަށް ހަދާފައިވާ މަގުން ދުއްވާފައި ދިޔަ ކާރެއް ރޭ އަރިއަޅާލައިފި އެވެ. މި ހާދިސާ ހިނގީ ރޭ 11:45 ގައި ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުން، ކާރު އަރިއަޅާލީ، އާ ޓާމިނަލް ކުރިމަތީ ހަދާފައިވާ އާ މަގުން ދުއްވަމުން ދިޔަ ކާރެއް ކުރިން ބޭނުން ކުރަމުން ދިޔަ މަގަށް ފުރޮޅާލާއިގެންނެވެ. ޖުލައި 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ޒަމާނީ އާ ޓާމިނަލް ކުރިމަތީ އަލަށް ހަދާފައިވާ މަގު ހުންނަނީ ކުރިން ބޭނުން ކުރަމުން ދިޔަ މަގަށް ވުރެ އުސްކޮށް ކަމަށް މަޢުލޫމާތު ލިބެ އެވެ.

އެކްސިޑެންޓު ހިނގިއިރު ކާރުގައި ހަތަރު މީހަކު ތިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި ކާރަށް ވެސް ގެއްލުން ވެފައެއް ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ކާރު މިހާރު ވަނީ އެ ސަރަހައްދުން ނަގައިފަ އެވެ.

"ކުރިން ބޭނުން ކުރަމުން ގެންދިޔަ މަގާއި އާ މަގުގެ ލެވަލް ތަފާތުކޮށް ހުންނަނީ. އަލަށް އެ ސަރަހައްދަށް ކާރު ވަދެ އުޅެނިކޮށް ދިމާވި ކަމެއް ކަމަށް އަދި ބެލެވެނީ،" ފުލުހުންގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ. އެ ހާދިސާ ހިނގި ގޮތް ފުލުހުން އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުން ދާއިރު، އެ ސަރަހައްދުގައި އާ މަގުތައް ހަދައި ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ދޭތެރެ ދޭތެރެއިން ބަދަލުގެނެސްފައިވެ އެވެ. މިކަންކަމަށް ސަމާލުވުމަށް ފުލުހުން މީގެ ކުރިން ވެސް އިލްތިމާސް ކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.