ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަރ ޓާމިނަލް ފުރަތަމަ ފަހަރަށް ރޭގަނޑު މުޅިން އެއްކޮށް ދިއްލާލާ ޓެސްޓުކޮށްފިއެވެ. މި މަންޒަރު ފެނިގެންދިޔައީ އެއާޕޯޓުން ހިއްސާކުރި ފޮޓޯތަކުންނެވެ.
ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަކުރާ ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ މި ޓާމިނަލަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިވަގުތު ކުރިއަށްގެންދަނީ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހު ތައްޔާރީތަކެވެ. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމާއި، ޓާމިނަލްގައި ބޭނުންކުރާނެ އާލާތްތަކާއި ސިސްޓަމްތައް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.
78،000 އަކަމީޓަރުގެ ބޮޑުމިނުގައި ބިނާކުރެވިފައިވާ މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ޒަމާނީ ޓާމިނަލެކެވެ. މިއީ މިހާރު ބޭނުންކުރަމުންދާ ޓާމިނަލަށްވުރެ އެތައް ގުނައެއް ބޮޑު، ފެންވަރު ރަނގަޅު ޓާމިނަލެކެވެ.
އާ ޓާމިނަލްގައި ހިމެނޭނީ 6 އެއިރޯ ބްރިޖް، 47 ޗެކްއިން ކައުންޓަރު، ސެލްފް ސާވިސް ކިއޮސްކްތައް، އޮޓޯމެޓިކް ބެގޭޖް ހެންޑްލިން ސިސްޓަމް އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ޓާމިނަލްގައި ގާއިމުކުރެވޭނެއެވެ.
މި ޓާމިނަލް ބިނާކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިއަށް ނުގޮސް، ރައީސް ޑރ. މުއިއްޒު ވެރިކަމަށް އައިއިރު ނިމިފައިވަނީ މަޝްރޫއުގެ 54 ޕަސެންޓެވެ.
މަޝްރޫއު ނިންމުމަށް ބޭނުންވި ފައިސާ ހޯދުމަށްޓަކައި ސައުދީ ފަންޑުން 100 މިލިއަން ޑޮލަރާއި، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 80 މިލިއަން ޑޮލަރު ދާދި ފަހުން ވަނީ ހޯދާފައެވެ. މި ދެ ފަންޑުން ޖުމްލަ 180 މިލިއަން ޑޮލަރު، ނުވަތަ 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މި ޓާމިނަލް ހުޅުވިގެންދިޔުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެއީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އާ އެއާޕޯޓުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެތީއެވެ.
ކޮމެންޓު ފޮނުވާ