ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެވޭ ރަސްމީ މަގު އެއްވަރުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަގުތީގޮތުން ބަންދުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި މަރާމާތުގެ މަސައްކަތް ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާނެއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ޖުލައި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އާ ދެމެދުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މަގު ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި ޓްރެފިކް ކޮންޓްރޯލްކޮށް، ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ މުވައްޒަފުން ތިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، ދަތުރުކުރާ ފަރާތްތަކަށް ދުރުން ފެންނާނެ ގޮތަށް މަގު ބަންދުކޮށްފައިވާކަން އަންގައިދޭ ނިޝާންތަކާއި މާކުތައް ބަހައްޓާފައި ހުންނާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އެއާޕޯޓު ބޭނުންކުރާ ފަސިންޖަރުންނާއި އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އެމްއޭސީއެލްގެ އެންމެ މުހިންމު އިސްކަންދިނުން ކަމަށް ބުނެ، މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ އުނދަގޫތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ