އައު ޓާމިނަލަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ހުރިހާ މިންގަނޑުތަކެއް ފުރިހަމަވާ ތަނެއްކަމަ: ސިވިލް އޭވިއޭޝަން

އައު ޓާމިނަލަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ހުރިހާ މިންގަނޑުތަކެއް ފުރިހަމަވާ ތަނެއްކަމަ: ސިވިލް އޭވިއޭޝަން

Author
ހުސައިން
30 ޖޫން 2025 09:18
0

ވެލާނާ ބައިނަލްއަޤުވާމީ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މި ޓާމިނަލަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ހުރިހާ މިންގަނޑުތަކެއް ފުރިހަމަވާ ތަނެއްކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ) އިން ޔަޤީންކޮށްދީފިއެވެ.

ޖުލައި 26 ގައި ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާ މި ޓާމިނަލްގެ އެންމެ ފަހު ތައްޔާރީތައް ކުރިއަށްދާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ އޮރާޓް ޕްރޮސެސްގެ ދަށުން ކުރަންޖެހޭ ޚާއްޞަ ދަތުރުތަކެއް ފަށާފައެވެ.

އެގޮތުން އިއްޔެ ސީ.އޭ.އޭގެ ޓީމެއް އައު ޓާމިނަލަށް ޒިޔާރަތްކޮށް، ތަފްޞީލީ މަޢުލޫމާތު ހޯދާފައިވެއެވެ. މި ދަތުރުގައި ސީ.އޭ.އޭގެ ފަރާތުން ކުރެވުނު ސުވާލުތަކަށް އޮރާޓް ޓީމުން ތަފްޞީލީ ޖަވާބުތައް ދީފައިވެއެވެ.

ސީ.އޭ.އޭގެ އެއަރ ޓްރާންސްޕޯޓް ޑިރެކްޓަރު ޢަބްދުﷲ ރަޝީދު ވިދާޅުވީ، އައު ޓާމިނަލްގެ ހުރިހާ ޚިދުމަތްތަކާއި ވަސީލަތްތައް ހުރީ ބައިނަލްއަޤުވާމީ ފެންވަރުގައި ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެންމެހައި ފަސިންޖަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިވަން ދުވަހާ ގުޅިގެން ހުޅުވާ މި ޓާމިނަލް، ފުރަތަމަ ތިން މަހު ދުވަހު އޮޕަރޭޓް ކުރާނީ 1000 ފަސިންޖަރުންގެ ކެޕޭސިޓީއެއްގައި ކަމަށް އެމް.އޭ.ސީ.އެލްއިން މަޢުލޫމާތު ދެއްވިއެވެ. މި މުއްދަތުގައި އޮޕަރޭޝަންތައް ހިނގާގޮތް ދިރާސާކޮށް، ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ވައިޑް ބޮޑީ އެއަރކްރާފްޓް އޮޕަރޭޓްކުރާ އެއަރލައިންތަކަށް ޚިދުމަތް ފޯރުކޮށްދޭން ފަށާނެއެވެ.

ޖުލައި 26 ގައި އައު ޓާމިނަލް ފުރަތަމަ ހުޅުވާލެވޭނީ މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ފްލައިޓްތަކުގެ ފަސިންޖަރުންނަށް އެކަންޏެވެ. ދެ ހަފްތާގެ ޓްރަޔަލް މުއްދަތެއް ނިމުމުން، މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގެ ތަޖުރިބާއަށް ބަލައި، އެހެން ބައިނަލްއަޤުވާމީ އެއަރލައިންތަކަށްވެސް މި ޓާމިނަލް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް ރާވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.