ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 700 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުލިބި ހުރިކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ ކުލި ނުދައްކާ އެތަންތަނުގައި ދިރިއުޅޭ މީހުން ގިނަކަމަށާއި، މިކަމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.
މިވަގުތު ސޭލް ޕަރޗޭސް އެގްރީމެންޓްގެ އުސޫލުން ފްލެޓްތައް ދޫކޮށްފައިވާތީ، ކުލި ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް ޑރ. މުއްޠަލިބް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ގެދޮރުވެރިކަމާ ބެހޭ ބިލު ފާސްވުމުން، ކުލި ނުދައްކާ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިވާނެކަމަށް ވަޒީރު އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކުލި ނުދެއްކުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ފްލެޓް ދޫކުރުމުގެ އެގްރީމެންޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ. މި ބަދަލުތަކުގެ ތެރޭގައި ބޭންކް މޯގޭޖް ފައިނޭންސިންގ މެދުވެރިކޮށް ފްލެޓް ދޫކުރުމާއި، ކުލި ދެއްކުމުގެ މުއްދަތު ހަމަވުމުން ފްލެޓް ކުއްޔަށް ހިފި ފަރާތަށް މިލްކުވާ ގޮތަށް ނިޒާމު ބަދަލުކުރުން ހިމެނެއެވެ.
ކުލި ނުދެއްކުމުގެ ސަބަބުން ހައުސިންގ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިވަމުންދާތީ، މިފަދަ ބަދަލުތައް ގެނައުމަށް ނިންމީކަމަށް ޑރ. މުއްޠަލިބް ވިދާޅުވިއެވެ. މީގެ އިތުރުން، މި ފެށޭ ޖުލައި މަހު ފްލެޓް ލިބިފައިވާ ފަރާތްތަކާއެކު އައު އެގްރީމެންޓްތައް ހެދުމާއި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ