އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025″ ގައި 3000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެ، މަރަދޫއިން ފެށިގެން ކުރިއަށް ގެންދެވުނު 5 ކިލޯމީޓަރުގެ ދުވުން ކާމިޔާބުކަމާއެކު ނިމިއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ދުވުންތަކުގެ ތެރޭގައި ހިމެނޭ މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުން ހިމެނޭ އާއިލާތަކުން މުޅި ހަރަކާތުގައި ބައިވެރި ވެފައި ވެއެވެ. ދުވުންތެރިންގެ އުފާވެރިކަމާއި ހިނިތުންވުމުން އައްޑޫގެ މަގުތަކަށް އާއިލީ މާހައުލެއް އުފެދި، ރައްޓެހިންނާއި ރަހުމަތްތެރިން އެކުގައި ގުޅިގެން ހަނދާން ނައްތާނުލެވޭ ތަޖުރިބާތަކެއް މި ހަރަކާތުގެ ތެރޭގައި ކޮށްފައި ވެއެވެ.
ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިޔަކަށް ވެސް އައްޑޫގެ ޚާއްޞަ ދޫނި ކަމުގައިވާ ދޮންދީނީގެ ނިޝާން ހިމެނޭ، މި ހަރަކާތަށް ޚާއްޞަކޮށް ޑިޒައިންކުރެވުނު މެޑަލެއް ހަދިޔާކުރެވުނެވެ. މިއީ ބައިވެރިންނަށް އެމީހުންގެ ދުވުމުގެ ކާމިޔާބީއެއް އަދި ހަނދާނެއްގެ ގޮތުގައި ދީފައިވާ މެޑަލްއެކެވެ.
އުރީދޫ މޯލްޑިވްސްއިން ބުނެފައިވަނީ، އައްޑޫ ސިޓީ ކައުންސިލާއި، ޕާޓްނަރުންނާއި، މުވައްޒަފުންނާއި، ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު މި ހަރަކާތް ވަރަށް ކާމިޔާބު ކަމަށެވެ. މިދިޔަ އަހަރު ހުޅުމާލޭގައި 6،500 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން ބޭއްވުނު އުރީދޫ ފަން ރަން ހަރަކާތަށްފަހު، މިއަހަރު އައްޑޫގައި ބޭއްވުނު މި ހަރަކާތަކީ ވެސް އާންމުންގެ ތެރޭގައި ވަރަށް މަޤުބޫލު ހަރަކާތަކަށް ވިއެވެ.
ކޮމެންޓު ފޮނުވާ