ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ތަރިކައިގެ ދާއިރާއެއް ގާއިމުކުރުމަށް ސަރުކާރުން ތައްޔާރުވަމުން ދާކަން ހާމަކޮށްފިއެވެ. މިނިސްޓްރ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު ވިދާޅުވީ މިދައުރުގައި ހާސިލުކުރަން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި މިކަން ހިމެނޭ ކަމަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ހާމަކުރެއްވީ، ތަރިކައިގެ ދާއިރާއެއް އުފެދުމުން ދިވެހި ސަޤާފަތާއި ތާރީޚީ އާސާރުތައް ރައްކާތެރިކުރުމަށް ފުޅާ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
ތަރިކައިގެ ދާއިރާއެއް ގާއިމުވުމުން ދިވެހި ސަޤާފަތާއި ތަރިކައިގެ ސާފު މާނަ ރައްޔިތުންނަށް ރަނގަޅަށް އެނގި، ތަރިކައަށް ވާ އެއްޗަކާއި ނުވާ އެއްޗެއް ތަފާތުކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދިވެހީންނަށް ލިބިފައިވާ އެންމެ އަގުހުރި ތަރިކައަކީ ދިވެހިބަސް ކަމަށާއި، މީގެ އިތުރުން ވެސް ގިނަގުނަ ތަރިކަތަކެއް ހިމާޔަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މިފަދަ ދާއިރާއެއް އުފެދުމުން ކޮންމެ ރަށެއްގައި ވެސް ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމާއަތްތަކެއް އުފެދި، ރަށްރަށުގައި ތަރިކައިގެ އާސާރުތައް ގާއިމުވެ، އަންނަން އޮތް ޖީލުތަކަށް ތާރީޚީ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު އުންމީދުކުރައްވައެވެ.
ރާއްޖޭގައި ކުތުބުޚާނާތަކާއި ފޮތް ހަރުގަނޑުތައް މަދުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ތަރިކައިގެ ދާއިރާ ގާއިމުވުމުން ދިވެހި ތާރީޚާއި ސަޤާފަތާ ބެހޭގޮތުން ލިޔާ ލިޔުންތެރީން އިތުރުވެ، ފޮތްތައް ލިޔެވި އާންމުންނަށް ފެންނަން ހުންނާނެ ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ތަރިކައިގެ ދާއިރާތައް ގާއިމުވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި ވެސް މިފަދަ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މިނިސްޓަރު އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ.