މަސްވެރިންނަށް ލިބޭ އެންމެ ބޮޑު ގެއްލުމަކީ ޗައިނާއާއިއެކު ހެދި ފްރީ ޓްރޭޑަށް އިޚްތިރާމްނުކުރުން

މަސްވެރިންނަށް ލިބޭ އެންމެ ބޮޑު ގެއްލުމަކީ ޗައިނާއާއިއެކު ހެދި ފްރީ ޓްރޭޑަށް އިޚްތިރާމްނުކުރުން

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2021 10:06
0

މަސްވެރިންނަށް މިއަދު ލިބޭ އެންމެ ބޮޑު ގެއްލުމަކީ ޗައިނާއާއިއެކު ރައީސް ޔާމީންގެ ސަރުކާރުން ހެދި ފްރީ ޓްރޭޑަށް އިޚްތިރާމްނުކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިންނަށާއި، އިޤްތިޞާދަށް މިއަދު ކުރިމަތިވަމުންދާ ދަތިތަކާއި، ހުރި ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ބޮޑު ފައިދާތަކެއް ހުރި މަސައްކަތަކަށް މިސަރުކާރުން އިޚުތިރާމު ނުކުރުމަކީ ރާއްޖޭގެ މަސައްކަތްތެރިންނަށް ޚާއްސަކޮށް މަސްވެރިންނަށް ވެވޭ އެންމެ ބޮޑު ބޭއިންސާފެއްކަމަށެވެ. ޗައިނާއާއިއެކު ރައީސް ޔާމީން ހެދި ފްރޭޓްރޭޑް އެގްރިމަންޓަށް މިއަދު ސަރުކާރުން އަމަލު ކުރިނަމަ ރާއްޖޭގެ އިޤްތިޞާދު އޮންނާނީ މިހާލަތަކު ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަށް ވަކިން ޚާއްސަކޮށް ދިވެހި މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ރައީސް ޔާމީން ޗައިނާ ސަރުކާރާއިއެކީ ހެދި ފްރީ ޓްރޭޑް އެގްރީމަންޓަށް މިސަރުކާރުން އިޚުތިރާމުކުރުން. ދިވެހިން ބާނާ މަހާއި މަހުގެ އުފެއްދުންތައް ޒީރޯ ޓްރިފްގައި 1.4 ބިލިޔަން އަށް ޗައިނާއަށް އެކްސްޕޯޓް ކުރުމުން ހަމަ އަގު ލިބޭނެ.

– ޝިޔާމް ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ކުރީ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ތަނަވަސް ވެގެންދެއެވެ. ނަމަވެސް މިސަރުކާރުން ވެރިކަމަށް އައުމަށްފަހު ޗައިނާއާއިއެކު އޮތް ގުޅުން ހީނަރުވެ، ހެދިފައިވާ މިފަދަ އިޤްތިޞާދީ މުހިންމު އެއްބަސްވުންތަކަށްވެސް ވަނީ އަމަލު ނުކޮށް ދޫކޮށްލާފައެވެ.

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ހަމަ އަގުނުލިބި މަސްވެރިންގެ ކަނޑުމަތީގައާއި، ރަށްރަށުގެ ފަޅު ތެރޭގައި މުޒާހަރާ ކުރަމުންދާއިރު، މިސަރުކާރުން ބުނެފައިވަނީ މިދަނޑިވަޅުގައި މަހަށް ހަމަ އަގުދެވެން ނެތްކަމަށެވެ. އަދި މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތަކީ މިސަރުކާރުން ކުރި ކަމަކުން ދިމާވި މައްސަލަތަކެއް ނޫންކަމަށާއި، އެއީ ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ދިމާވި ކަންތައްތަކެއްކަމަށެވެ. މިސަރުކާރަށް ޕްރެޝަރު ކުރިމަތިވެ ރައްޔިތުންގެ ނުރުހުން އަމާޒުވާ ކޮންމެ މައްސަލައެއްގެ ޒިންމާ ގިނަ ފަހަރަށް އަޅުވަމުންދަނީ ކުރީ ސަރުކާރުގެ ބޮލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.