މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރް މަރުކާގެ ފަސްވަނަ ބޯޓު ގެނެސްފި

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރް މަރުކާގެ ފަސްވަނަ ބޯޓު ގެނެސްފި

Author
ހުސައިން
08 ޖޫން 2025 12:04
0

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރް މަރުކާގެ ފަސްވަނަ މަތިންދާ ބޯޓު މިއަދު ގެނެސްފިއެވެ. އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އައު އެއާކްރާފްޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ވަނީ އައިސްފައެވެ.

އައު އެއާކްރާފްޓް ރާއްޖެ އައުމާ ގުޅިގެން މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އާއި މޯލްޑިވިއަންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭޓީއާރް މަރުކާގެ ފަސްވަނަ ބޯޓު އެއާޕޯޓުގައި ޖެއްސުމުން، އެއަށް މަރުޙަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ވަނީ ދީފައެވެ.

މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ އެއާކްރާފްޓެއް ފުރަތަމަ ފަހަރަށް ގެނައީ 2023 ވަނަ އަހަރުގައެވެ. އެ އަހަރު ތިން އޭޓީއާރް އެއާކްރާފްޓް ގެނެސްފައިވާއިރު، މިއަދާ ހަމައަށް މި މަރުކާގެ ޖުމްލަ ފަސް ބޯޓު މޯލްޑިވިއަންގެ ފްލީޓަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އޭޓީއާރު މަރުކާގެ މަތިންދާ ބޯޓުތަކަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ އެއާކްރާފްޓުތަކާ އަޅާބަލާއިރު، އޮޕަރޭޓް ކުރުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް ކުޑަ އެއާކްރާފްޓުތަކެކެވެ. މި އެއާކްރާފްޓުތަކުގެ ތެލުގެ ބޭނުން ކުޑަވުމުގެ އިތުރުން، މެއިންޓެނަންސް އަށް ކުރަންޖެހޭ ޚަރަދު ވެސް ނިސްބަތުން ވަރަށް ކުޑަކަން ފާހަގަކުރެވެއެވެ. މިކަމުން މޯލްޑިވިއަންގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކުރުމަށް މަގުފަހިވެ، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.