ގައުމީ އެއާލައިން މޯލްޑިވިއަން އަށް އައު އޭޓީއާރު ބޯޓެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެ ކުންފުނީގެ ފްލީޓަށް އިތުރުވާ ފަސްވަނަ އޭޓީއާރު ބޯޓެވެ.
މޯލްޑިވިއަން އިން މިފަހަރު ގަންނަނީ އޭޓީއާރު 600-42 މޮޑެލްގެ ބޯޓެކެވެ. އެ ކުންފުނިން މިއަދު ހާމަކުރި ގޮތުގައި، މި ބޯޓު މިހާރު ފްރާންސްގެ ޓޫލޫޒް ސިޓީން ރާއްޖެ އަށް އައުމަށް ދަތުރު ފަށައިފިއެވެ.
ރާއްޖެ އައުމުގެ ކުރިން މި ބޯޓު ގްރީސްގެ ހެރަކްލިއަން ސިޓީ އާއި އިތުރު ދެ ތަނަކަށް ޖެހޭނެއެވެ. ނަމަވެސް ބޯޓު ރާއްޖެ އަށް އައުމަށް ކަނޑައެޅިފައިވާ ދުވަހެއް މޯލްޑިވިއަން އިން އަދި އާންމުކޮށްފައެއް ނުވެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު ހިމެނެނީ ހަތަރު އޭޓީއާރު ބޯޓެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ގެނައި އޭޓީއާރު-72 ގެ ދެ ބޯޓާއި، އެ އަހަރުގެ އޭޕްރީލް މަހު ގެނައި އޭޓީއާރު-42 ބޯޓަކާއި، މިހާރުގެ ސަރުކާރުން ފާއިތުވި އަހަރުގެ މެއި މަހު ގެނައި އޭޓީއާރު-42 ބޯޓެއް ހިމެނެއެވެ.
މޯލްޑިވިއަން އިން ކުރިން ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ ލަނޑުދަނޑިއަކީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ބޭނުންކުރާ ބޯޓުތައް ޑޭޝް ބްރޭންޑުން އޭޓީއާރު ބްރޭންޑަށް ބަދަލުކުރުމެވެ. މި ފަސްވަނަ އޭޓީއާރު ބޯޓަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
ކޮމެންޓު ފޮނުވާ