ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ގަލޮޅު ސިލްވަރުގެއާގެ އަލްފާޟިލާ ޢާއިޝަތު އަސްނާ ޙަމްދީ ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އޭނާ އެ މަޤާމަށް ޢައްޔަންކުރައްވައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަސްނާގެ ނަން ހުށަހެޅުއްވުމުން، މަޖިލީހުގެ ކޮމިޓީއަކުން އަސްނާއާއެކު އިންޓަވިއުކުރުމަށްފަހު އެ މަޤާމަށް އަސްނާ ޢައްޔަންކުރުމަށް ފެންނަކަމަށް ކޮމިޓީން ފާސްކޮށްފައިވެއެވެ. އަދި މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި 73 މެންބަރުންގެ އިއްތިފާޤުން އަސްނާ އެ މަޤާމަށް ޢައްޔަންކުރުމަށް ފާސްކޮށްފައިވެއެވެ.
މީގެ ކުރިން އަސްނާ ހުންނެވީ އެމް.އެމް.އޭގެ މެނޭޖިންގ ޑިރެކްޓަރ – ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ. އަސްނާއަކީ މަރުކަޒީ ބޭންކުގެ ތަފާތު މަޤާމުތަކުގައި 17 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ތަޢުލީމީ ގޮތުން އަސްނާއަކީ 2014 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ނޮޓިންގްހަމުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފައިނޭންސްގެ މާސްޓަރޒް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނަރސް) ޙާޞިލުކުރައްވާފައިވާ އަސްނާއަކީ 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްއިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި 2001 އިން 2003 އަށް، އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
އަދި އަސްނާއަކީ މާލީ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގެ އެވޯޑުތައް ޙާޞިލުކުރައްވައި، އެކިއެކި ދިރާސީ ކަރުދާސްތައް ޝާއިޢުކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ