މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އަލަށް އިމާރާތްކޮށްފައިވާ ކާގޯ ޓާމިނަލްގައި ކާގޯ އޮފީސް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްއޭސީއެލްއިން ހާމަކުރިގޮތުގައި މި ފުރުޞަތަށް ކުރިމަތިލެވޭނީ އެމް.ސީ.އޭ.އޭގައި ކާގޯ އެއަރލައިންތަކާއި ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ކާގޯ ބްރޯކަރުން އަދި ކުރިއަރ އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިއިން އެއް ކެޓަގަރީއަކުން ހުއްދަ އޮންނަ ފަރާތްތަކަށް މި ފުރުޞަތަށް ކުރިމަތިލެވޭނެއެވެ.
މި ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން އެމްއޭސީއެލްގެ ޓެންޑަރ ޕޯޓަލް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރަންޖެހޭނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މެއި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:30 ކަމަށް އެމްއޭސީއެލްއިން ވަނީ އިޢުލާންކޮށްފައެވެ.
އެމްއޭސީއެލްއިން އިތުރަށް ހާމަކުރިގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތްތަކުން އޮފީސް ހަދައި ހިންގަންވާނީ ކުންފުނިން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށެވެ. އަދި ބީލަން އެވޯޑްކުރާނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ