ރިޔާސީ އިންތިޚާބު އެއްބުރުން ނިންމާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ތާއީދުކުރައްވާކަން ފާޅުކުރައްވައިފިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެކަން ކުރަންވާނީ "ޕްރިފަރެންޝަލް ވޯޓިން" ނިޒާމެއްގެ ދަށުންނެވެ.
މިފަދަ ނިޒާމެއްގައި ވޯޓުލާ ފަރާތްތަކުން ވޯޓު ކަރުދާހުގައި ކެންޑިޑޭޓުން އިސްކަންދޭ ތަރުތީބުން ރޭންކުކުރާ ގޮތަށް އޮންނާނެއެވެ. މިއީ މިހާރުވެސް ބައެއް ޤައުމުތަކުގައި ޢަމަލުކުރަމުންދާ ނިޒާމެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
ޖުމްހޫރީ ދުވަހު ބޭއްވުނު ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެއްބުރުން އިންތިޚާބު ނިންމުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން މިހާރުވެސް ދިރާސާތައް ކުރަމުންދާ ކަމަށެވެ. މި ނިޒާމަށް ބަދަލުވުމުން ޚަރަދު ކުޑަވެ، ފުރަތަމަ ބުރުގައި އެއްވަނައާއި ދެވަނަ ސާފުކޮށް އެނގިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަދި މި ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވިއެވެ. މި ބަދަލު ގެނެވިއްޖެނަމަ، ދެން އޮންނަ ރިޔާސީ އިންތިޚާބުން ފެށިގެން އެއްބުރުން ރައީސަކު ހޮވާ ގޮތަށް ހަމަޖެހިގެންދާނެއެވެ. މި ނިޒާމަށް ބަދަލުވުމާ ގުޅޭގޮތުން ރައްޔިތުންގެ ވޯޓަކަށް އެހުމަށްވެސް ރައީސް މުއިއްޒު ގަސްދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ