ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާއިރު، ސަރުކާރުން ދަނީ އޭނާގެ ހާލު ވަރަށް ކައިރިން ބަލަމުންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫ، ފަހި ރޯދި، އަބްދުލް މާނިއުއަށް އަނިޔާވެފައިވަނީ ޓްރެއިނިންގ ހެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ.
މި ހާދިސާއާ ގުޅިގެން މާނިއުއަށް މިހާތަނަށް ދެ ސާޖަރީއެއް ހަދާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފުރަތަމަ ސާޖަރީ ހެދުމަށްފަހު އޭނާ ބޭއްވީ އައިސީޔޫގައެވެ.
ފޮރިން މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި މިނިސްޓަރު ވަނީ މާނިއުގެ ބައްޕަ އާމިރުއާ ފޯނުން ގުޅުއްވައި ދަރިވަރުގެ ހާލަތާ ގުޅޭގޮތުން އޮޅުންފިލުއްވާފައެވެ.
ނޫސްވެރިން ހޯދި މަޢުލޫމާތުން އެނގޭގޮތުގައި، މާނިއުގެ މަންމައާއި ބޭބެ މިހާރު ވަނީ ފިލިޕީންސްއަށް ވަޑައިގެންފައެވެ. ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުންނެވެ.
ފޮރިން މިނިސްޓްރީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ވަނީ މާނިއުގެ ހާލު ބެލުމަށް ގުޅައި މަޢުލޫމާތު ސާފުކޮށްފައިކަން ފާހަގަކުރެވެއެވެ.