ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ބާއްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ބާއްވައިފި

Author
ހުސައިން
12 އޭޕްރިލް 2025 01:30
0

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ބޭއްވި މި ހަރަކާތްތައް ފެށިގެން ދިޔައީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކާއެކުއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އެއަރޕޯޓާ ގުޅުންހުރި ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ. އަހަރީ ދުވަހުގެ ޝަރަފުގައި، އެމްއޭސީއެލްއިން 59 ފޫޓުގެ ޚާއްޞަ ކޭކެއް ވެސް ފަޅާފައިވެއެވެ. މީގެއިތުރުން، ހަރަކާތްތަކުގެ ތެރޭގައި އެކުވެރިކަމުގެ ހިނގާލުމެއް ވެސް ބޭއްވުނެވެ.

ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ތަރައްޤީގެ ގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރެއް ކަމަށެވެ.

"ކޮންޓްރެކްޓަރުން ނިންމަނީ ހަމައެކަނި ފެސިލިޓީތައް. އެހެންނަމަވެސް، އެތަންތަން ހިންގައި ޤައުމަށް އޭގެ ފައިދާ ހޯދައިދެނީ މުވައްޒަފުންގެ ބުރަ މަސައްކަތުން," ޝަރީފް ވިދާޅުވިއެވެ. އަދި އެއަރޕޯޓުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ.

ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއަރޕޯޓުގެ ތަރައްޤީއަށް މުހިންމު ބޮޑެތި މަޝްރޫޢުތަކެއް މިހާރު ހިނގަމުންދެއެވެ. "އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ޤައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން. އެއަރޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކުރާ ބައެއް," އޭނާ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް އަހަރަކީ އެއަރޕޯޓުގެ ޙަޔާތުގައި ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއްކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ ސްޓޭކްހޯލްޑަރުންނާއި ފަސިންޖަރުން އުފާވާފަދަ ޚިދުމަތްތަކެއް އެއަރޕޯޓުން ދިނުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އެއަރޕޯޓަށް 59 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މުވައްޒަފުންނަށް ޚާއްޞަ ގާލާ ނައިޓަކާއި ވަންޑޭ ހޭންޑްބޯލް ކަޕެއް ވެސް ކުރިއަށް ގެންދިއުމަށް އެމްއޭސީއެލްއިން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.