އުރީދޫ މޯލްޑިވްސްއިން 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން "ލިވް އަންލިމިޓެޑް" ގެ ނަމުގައި އެއް އަހަރަށް ދެމިގެންދާނެ ޚާއްޞަ ކެމްޕޭނެއް ފަށައިފިއެވެ. މިކެމްޕޭންގެ ދަށުން ކުންފުނިން 2 ޙައްޖު ދަތުރާއި 19 އުމްރާ ދަތުރު ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
އުރީދޫއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ "ލިވް އަންލިމިޓެޑް" އަކީ ހަމައެކަނި ސްލޯގަނެއް ނޫނެވެ. އެއީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ތިބި ކަސްޓަމަރުންނަށް ލޯބިވާ މީހުންނާއި، ޝައުގުވެރިވާ ކަންކަމާއި، އަދި މުޅި ދުނިޔެއާ ގުޅިފައި ތިބުމުގެ ވައުދެކެވެ. ލިމިޓަކާއި ނުލާ އެންމެ މަޤްބޫލު ޝޯތައް ސްޓްރީމްކޮށް، ގޭމްކުޅެ، އަދި ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަން ފަސޭހައިން ކުރެވޭނެ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދެއެވެ.
އުރީދޫގެ 20 އަހަރުގެ ޚާއްޞަ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާކަމަށް ކުންފުނިން ބުނެފައިވެއެވެ. ޖުމްލަ 19 އުމްރާ ދަތުރު ދޭއިރު، ލަކީޑްރޯއެއްގެ ޒަރީއާއިން 2 މީހަކަށް ޙައްޖު ދަތުރެއް ބޮޑު އިނާމެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. މިއީ އުރީދޫ ގުރޫޕްގެ ފަރާތުން މި ޚިދުމަތް ފޯރުކޮށްދެވޭ 3 ވަނަ ޤައުމެވެ. މި ޚިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި، އޭގެފަހުން މަހަކު 199 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ޚިދުމަތުގެ ސަބަބުން ފޯނު ބޭނުންނުކޮށް ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެއެވެ.
އުރީދޫއިން ސުޕަނެޓް ކަނެކްޝަންތަކާއެކު ސްމާޓް ހޯމް ޑިވައިސްތައް ހިމެނޭ ބަންޑަލްޑް އޮފަރއެއްވެސް ތަޢާރަފުކޮށްފިއެވެ. މީގެތެރޭގައި ސެކިއުރިޓީ ކެމެރާއާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ޑިވައިސްތައް ހިމެނެއެވެ. ސްމާޓް ހޯމް އިނީޝިއޭޓިވްއަކީ ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން އާންމު ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނައުމަށް ލޯންޗުކުރެވުނު ޕްރޮޑަކްޓެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫގެ ޕޯޓްފޯލިއޯއަށް އައު ސްމާޓް ޑިވައިސްތައް އިތުރުވެގެންދާނެކަމަށް ބުނެފައިވެއެވެ.
އުރީދޫގެ މަޝްހޫރު ފަން ރަން މިއަހަރުވެސް 2 ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޑިސެމްބަރު މަހު ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން 27 ޖޫން 2025 ގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މިއަހަރުވެސް 3 ތަނެއްގައި މަސްރޭސް ބޭއްވުމަށް ނިންމާފައިވެއެވެ. މާލެ އަތޮޅާއި ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށެއްގައި އޮގަސްޓް މަހު މަސްރޭސް ބޭއްވޭނެއެވެ. މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުން ލިބެމުންދާ ގިނަ ރިކުއެސްޓްތަކާ ގުޅިގެން، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެމީހުންގެ ރަށްރަށުގައި ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކުރުމަށް އަވަހަށް ފުރުސަތު ހުޅުވާލެވޭނެއެވެ.
އުރީދޫއަކީ ދިވެހި ހުނަރުވެރިންނާއި މުޖުތަމަޢުއަށް އިންވެސްޓްކުރުމަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. ފުޓްބޯޅައަށް މާޒިޔާއާއެކު ޕާޓްނަރޝިޕެއް އުފައްދައި އިންވެސްޓްކުރަމުންދާއިރު، ހަބޭސް ބޮޑުބެރުއާއެކު ޕާޓްނަރޝިޕެއް ޤާއިމްކޮށް ކަލްޗަރއަށް އިންވެސްޓްކުރަމުންދެއެވެ. މިއަހަރު އާ ސަފީރެއް ޢައްޔަންކޮށް، މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ ވަޢުދު އަލުން ކަށަވަރުކޮށްފައިވެއެވެ. އުރީދޫގެ އާ ސަފީރަކީ އާދަމް ރަޝީދު ކަމަށާއި، ސޯޝަލް މީޑިއާގައި "ދަ ލައިފް އޮފް އަ ފިޝަރމޭން" ނަމުގައި މަޝްހޫރު، ފަރެސް މާތޮޑާގެ ޕޯލް އެންޑް ލައިން މަސްވެރިއެކެވެ.
އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓެލެކޮމް ކުންފުންޏެކެވެ. 3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ. މީގެއިތުރުން ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ 4ޖީ+ ނެޓްވޯކާ ގުޅާލާފައިވަނީވެސް އުރީދޫއިންނެވެ. ހުޅުމާލޭގައި ޓިއަރ 3 ޑޭޓާ ސެންޓަރަކާއި ކުޅުދުއްފުށީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ޤާއިމްކޮށް، ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. ގޭމިންގ ކޮމިއުނިޓީ ބާރުވެރިކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ތަޢާރަފުކޮށްފައިވާއިރު، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޕްރޮޑަކްޓްތައް ގެނެސް، މުޖުތަމަޢުގައި އިންވެސްޓްކުރުމަށް އަބަދުވެސް މަސައްކަތްކުރާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
"20 އަހަރަކީ ކުޑަ ދުވަސްކޮޅަކަށްވީ ނަމަވެސް، އަޅުގަނޑުމެންގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް މިދަނީ ރާއްޖެ ގެނައުމުންނެވެ. މިއަދު އަޅުގަނޑުމެން މިފާހަގަކުރީ މިއަހަރު އަންނަ ބައެއް ކަންތައްތަކެވެ. މުޅި އަހަރަށް އަދިވެސް އިތުރު ސަޕްރައިޒްތަކެއް އަންނާނެއެވެ" ކަމަށް އުރީދޫގެ ޚާއްޞަ ބަޔާނުގައި ބުނެފައިވެއެވެ.