ރާއްޖޭގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފި

ރާއްޖޭގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފި

ގުޅުންހުރި

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ" ޕްރޮޖެކްޓުގެ ދަށުން، ރާއްޖޭގެ 18 ރަށެއްގައި ޖުމްލަ 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރެވޭ ބެޓެރީ ސިސްޓަމްތަކުގެ ޖުމްލަ ކެޕޭސިޓީ ކޮންމެ ރަށަކަށް 500 ކިލޯވޮޓް އަވަރއިން ފެށިގެން 3000 ކިލޯވޮޓް އަވަރއާ ހަމައަށް ހުންނާނެކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކޮށް، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑި ޙާޞިލްކުރުމެވެ.

ވުޒާރާގެ މަޢުލޫމާތުގައިވާ ގޮތުން، މި ބެޓެރީ ސިސްޓަމްތައް ބެހެއްޓުމުން ރަށްރަށުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ޤާއިމްކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި މިއާއެކު ގްރިޑް ސްޓެބިލައިޒްކުރުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި "މަގޭ ސޯލަރ" ޕްރޮގްރާމްގެ ދަށުން އަމިއްލަ ގޭގޭގައާއި އިމާރާތްތަކުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މިހާރަށްވުރެ ފުރުޞަތު ފަހިވެގެންދާނެކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

މި މަޝްރޫޢުގެ ސަބަބުން ލިބޭނެ އިޤްތިޞާދީ ފައިދާތަކުގެ ތެރޭގައި އަހަރަކު 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެކަމަށާއި، އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެކަމަށް ވުޒާރާއިން ލަފާކުރައްވައެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ހަކަތައިގެ ވިއުގައެއް ޤާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ދެކެވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ