ރ. މަޑުއްވަރީގައި ރޭ ހިނގި ހާދިސާއެއްގައި އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތް ކަމަށްވާ އިސްމާއީލް އާސިފަކީ ކުރިން މީހަކަށް ވަޅިން ހަމަލާދީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެއްކަން އެނގިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދެ ބޭއިންގެ ދެމެދު ހިނގި ޒުވާބަކާ ގުޅިގެން މަޑުއްވަރި ބީޗް ހައުސްގެ އިސްމާއީލް އާސިފް އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މުއީންއަށް ވަޅިން ހަމަލާ ދިނެވެ. މި ހަމަލާގައި މުއީންގެ ބޮލުގެ ދެ ތަނަށް ވަޅިން ޒަޚަމްވެފައިވާއިރު، މިވަގުތު އޭނާއަށް ފަރުވާދެމުން ދަނީ ރ. އުނގޫފާރު ހޮސްޕިޓަލުގައެވެ.
އާސިފަކީ 2019 ވަނަ އަހަރު ލަނޑާ ނަގާ ދޯންޏެއްގައި އިސްމާއިލް ހައްމާދުއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމަކާ ގުޅިގެން ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލާލި މައްސަލައިގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ފަރާތެކެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު "ޖަރީ" ނަމަކަށް ކިޔާ ދޯނީގައި އާސިފް ހައްމާދުގެ ބޮލަށާއި، ވާތު ކޮލަށާއި، ވާތު ކަންފަތަށާއި، ވާތު އަތްތިލައާއި، އިނގިލިތަކަށާއި، ތުންފަތަށާއި އަދި ބުރަކައްޓަށް ވަޅިން ހަރައި ޒަޚަމްކޮށްލިއެވެ.
އެ މައްސަލާގައި އާސިފްގެ މައްޗަށް މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދަޢުވާ ދައުލަތުން އުފުލިއެވެ. ދަޢުވާއަށް އާސިފް އިންކާރުކުރި ނަމަވެސް، ދައުލަތުން މައްސަލައިގެ ތަޙުޤީޤުގައި ބައިވެރިވި ފުލުހުންނާއި ގިނަ އަދަދެއްގެ ސިއްރު ހެކިން ހުށަހަޅައި ކުށް ސާބިތުކުރިއެވެ.
ހައްމާދުގެ ބުނެފައިވާ ގޮތުގައި އޭނާއަށް ހަމަލާދިނީ ދޯނީގައި ތިއްބާ ދީނީގޮތުން ޚިޔާލު ތަފާތުވެގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. ނަމަވެސް އާސިފް ބުނެފައިވަނީ އެއީ ހައްމާދު އާނުގަނޑެއް ފަދަ ތަނަކަށް ވެއްޓުމުން ލިބުނު ޒަޚަމްތަކެއް ކަމަށެވެ.
ޖަލު ހުކުމެއް އިއްވާފައިވާ އާސިފް ދޫކޮށްލާފައިވަނީ ކޮން އިރަކު ކަމެއް އަދި ކީއްވެގެންކަމެއް އަދި ސާފެއް ނޫނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ ދޫކޮށްލީ "ނަފުސާނީ މައްސަލަތަކެއް ހުރެގެން" ކަމަށް އަޑުއިވިފައިވާ ކަމަށެވެ. ރޭ ހިނގި މި މާރާމާރީއާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.