ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ ދިވެހީންގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތަކާއި ގޮތްތައް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ. ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރުގައި ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި، ވަޒީރު ފާހަގަކުރެއްވީ ދިވެހިންނަކީ ވަކި ތަރުތީބަކާއި އުސޫލުތަކަކާ އެއްގޮތަށް ދިރިއުޅޭ، ކިޔަމަންތެރި އަދި އެއް ސަފަކަށް އެއް އަމާޒަކަށް އެކުގައި ދަތުރުކުރާ ބައެއްކަމަށެވެ.
ވަޒީރު ވިދާޅުވިގޮތުގައި، ހިއްޗަށް ވަޑައިގަތުމުގެ ކުޅިވަރުތެރެއިން މި ސިފަތައް ދައްކުވައިދެއެވެ. އަދި ތަހުޒީބީ ޙަޟާރަތެއްގެ ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި ހުންނަ ހަރުދަނާ ގޮތްތަކާއި ސިފަތައްކަމުގައި ވަޒީރު އިތުރަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވިގޮތުގައި، ހިއްޗަށް ވަޑައިގަތުމަކީ ރަސްކަމުގެ ދުވަސްވަރު ބޭއްވޭ ވަރަށް ހައިބަތު ހުރި ރަސްމިއްޔާތެއް ކަމަށާއި، ނަމަވެސް މިހާރު މި ބޭއްވެނީ ހަމައެކަނި އަދުގެ ޖީލުތަކަށް އޭގެ ތަމްސީލީ ދައްކާލުމެއްގެ ގޮތުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރާއްޖޭގެ ތަރިކަ އަދުގެ ޒުވާނުންނަށް ތަޢުލީމެއްގެ ގޮތުގައި ފޯރުވައިދިނުމުގެ ވިސްނުންފުޅަށް ބައްޓަންކުރެވިގެން، ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރު އަދުގެ ޒުވާން ޖީލާ ހަމަޔަށް ގެނައުމުގެ މަސައްކަތެކެވެ.
ތާރީޚީގޮތުން މި ހަރަކާތަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ވަކި ދުވަސްތަކެއްގައި ނުވަތަ ރޭތަކެއްގައި އޮންނަ ހަރަކާތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން ތަފާތު ކެއްކުންތައް ކައްކާ، ހިތިގެއެއްވެސް އޭރު ތައްޔާރުކުރާކަމާއި، ބަތް ފިޔަފާޅި ކިޔާ ތަނެއްވެސް އޭރު ތައްޔާރުކުރާކަން ތާރީޚުން އެނގޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ތަމްސީލު ގެނެސްދީފައިވަނީ ގިނަ މުއައްސަސާތަކަކުން ގުޅިގެން ވުޒާރާގެ އިސްނެންގެވުމުގެ މަތިންނެވެ. މީގެ އިތުރުން، މިކަންކަން އުފެދިގެން އައިގޮތާއި އޭރު މިކަންކަމުން ނެގުނު މާނަތަކާއި ދިވެހިންގެ ދިރިއުޅުމުގެ ހަޔާތުގައި މިކަންކަން އަދާކުރި ދައުރަކީ ދިރާސާކޮށް ބަލަންޖެހޭ ކަންކަން ކަމަށާއި، ހިއްޗަށް ވަޑައިގަތުމުގައި އިހު ޒަމާނުގައި ދީނީ ބައެއްވެސް ހިމެނޭކަމަށާއި މިހާރު މިގެނެވެނީ ހަމައެކަނި ތާރީޚީ ދައްކާލުމެއްގެ ގޮތުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކި ޒަމާނުގައި އެކި ތަފާތުތަކާއެކު ހިއްޗަށް ވަޑައިގަތުން ކުރިޔަށް ގެންދެވިފައިވާކަންވެސް ވަޒީރު ވިދާޅުވިއެވެ.