ތައިލެންޑްގެ ބެންކޮކާއި މިއަންމާއަށް މިއަދު މެންދުރު އައި ބާރު ގަދަ ބިންހެލުމާ ގުޅިގެން، ތައިލެންޑްގައި ދިރިއުޅޭ ދިވެހިންނަށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫ މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.
އުރީދޫއިން މިކަމާ ގުޅޭގޮތުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވަނީ، އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުމުން މިރޭ މެންދަމު 12 ޖެހުމާ ހަމައަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ. މި ޚިދުމަތުގެ ސަބަބުން މިވަގުތު އާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން އުއްމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މިއަދު މިޔަންމާއަށް އައި ބިންހެލުމަކީ 7.7 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އަދި އޭގެ ފަހުން 6.4 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއްވެސް އައިސްފައިވެއެވެ. މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އުރީދޫއިން މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ކުއްލި ހާލަތުގައި ތައިލެންޑްގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މިފަދަ ކުއްލި ހާދިސާތަކުގައި މުވާސަލާތީ ޚިދުމަތްތައް މެދުކެނޑުމަކީ އާންމު ކަމަކަށްވާތީ، މި ޚިދުމަތުން ގިނަ ބަޔަކަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.