ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި

Author
ހުސައިން
22 މާރޗް 2025 05:21
0

މިއަދުވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ގުގުރުމާއި ވިއްސާރަ ކުރާނޭ ކަމަށް ޤައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. ނަމަވެސް ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މެޓްއިން މިއަދު ހަވީރު 6:00 އަށް ނެރުނު މޫސުމީ ބަޔާނުގައި ބުނެފައިވާ ގޮތުން، ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އިރު ރާޅުގެ އުސްމިން 1-3 ފޫޓުގައި ހުންނާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ފާއިތުވި ހަފްތާގައި ރާއްޖޭގައި ހޫނުމިން މައްޗަށްގޮސްފައިވީ ނަމަވެސް، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާކަން މެޓްއިން ފާހަގަކޮށްފައިވެއެވެ.

މޫސުމަށް މިގެނައި ބަދަލާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކަށް އިތުރަށް ސަމާލުވުމަށް މެޓްއިން އިންޒާރުދީފައިވެއެވެ. އަދި ވިއްސާރައިގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބޭނަމަ، އެކަން ކަމާބެހޭ އިދާރާތަކަށް ވަގުތުން އެންގުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.