ކަށިކޭލަކީ ދިވެހި ރާއްޖޭގައި ވަރަށް އާންމު އެއްޗެކެވެ. އެކި ހިސާބު ތަކުގައި ކަށިކޭލަށް ކިޔާ ނަން ވެސް ތަފާތެވެ. އެގޮތުން ބޯކެޔޮ، ރަތް ކަށިކެޔޮ، ފަދަ ނަން ނަން ކިޔައި އުޅެއެވެ.
މިއަދު މިގެެނެސް ދެނީ ކަށިކޭލުގެ ފަނި ތައްޔާރު ކުރާނެ ގޮތެވެ. މިއީ ވަރަށް ތަފާތު ރަހައެއްގެ ވަރަށް މީރު ބުއިމެކެވެ. ފިނި ކޮށްލައިގެން މީގެ ތަށިވަރެއް ބޯލުމުން ވާގޮތެއް އަޅެ ބަލައިލަބަލާށެވެ.
ބޭނުން ވާނެ ތަކެތި:
2 ކަށިކެޔޮ (1 ޖޯޑު ތުނިކޮށް ކޮށީމައި)
3 ޖޯޑު ފެން (ކަށިކެޔޮ މަޑުކުރަން)
1 ޖޯޑު ފެން (ކަށިކެޔޮ މިކްސަރުން ގިރަން)
½ 2 މޭޒުމަތީ ސަމުސާ މާފެން (އަތުގައި ހުރިނަމަ)
6 އިންޗީގެ ރާނބާފަތް (ދެ ބުރި ކޮށްލާފައި)
1/3 ޖޯޑު ހަކުރު (ނޫނީ ބޭނުން ވަރަކަށް)
ތައްޔާރު ކުރާނެ ގޮތް:
ކަށިކެޔޮ ތުނިކޮށް ކޮށާށެވެ. 3 ޖޯޑު ފެން ބޮޑު ތެއްޔަކަށް އަޅާފައި ބޮކިޖަހާ ކެކި ގަންނަންދެން ކައްކާށެވެ. ދެން ކަށިކެޔޮކޮޅު ތެއްޔަށް އަޅާފައި މަޑުވަންދެން ފެނުކައްކާށެވެ. އަހަރުމެންގެ ކަށިކެޔޮކޮޅު މަޑުވީ 10 މިނިޓުންނެވެ.
ކަށިކެޔޮ މަޑުވީމައި ބޯތަށްޓަކަށް ފުރާނާލާށެވެ. ފުރޭނި ފެން ފޮދު ވެސް އަދި މަޑުކޮށްފައި ހުރި ކަށިކެޔޮކޮޅުވެސް މި ރެސިޕީއަށް ބޭނުން ވާނެއެވެ. އެހެން ކަމުން ފެންފޮދު އެހަށް ބޯތަށްޓަކަށް އަޅާފައި ބަހައްޓާލާފައި މަޑުކުރި ކަށިކެޔޮކޮޅު މިކްސަރުގެ މުގުރާއެތީގެ ތެރެއަށް އަޅާށެވެ.
މިކްސަރުގެ މުގުރާއެތީގެ ތެރެއަށް 1 ޖޯޑު ފެންވެސް އަޅާށެވެ. ދެން މެދު ސްޕީޑުގައި މިކްސަރު ޖައްސައިގެން ޕޭސްޓްގަނޑެއް ހަދާށެވެ. އަހަރުމެންނަށް ޕޭސްޓްގަނޑެއް ހަދަން ނެގީ ބައި މިނިޓެއް ހާއިރެވެ.
ދެން އެ ޕޭސްޓްގަނޑު ކުޑަ ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާށެވެ. ފުރާނާ ނިމޭއިރު ފުރޭނީގައި ހަރުވެފައި ހުންނަ ނަރުތައް އުކާލާށެވެ. ކުރިން ރައްކާކޮށްފައި ބެހެއްޓި ކަށިކެޔޮ ކެއްކި ފެން އަނބުރާ ތެއްޔަށް އަޅާށެވެ. ދެން ހަމަ އެތެލީގެ ތެރެއަށް ފުރޭނި ކަށިކެޔޮ ޕޭސްޓް ގަނޑާއި އަތުގައި މާފެން ހުރިނަމަ އެއާއި، ރާނބާފަތާއި ހަކުރު ވެސް އަޅާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާފައި މެދު ގިންޏަށް ބަދަލު ކޮށްލާށެވެ. ދެން މެދު ގިނީގައި ދޭތެރެއަކުން ގިރާލަމުން 6 މިނިޓުވަރު ކައްކާލާށެވެ.
އުނދުން ނިވާލާފައި ފަނި އެއްކޮށް ހިހޫ ކުރާށެވެ. ހިހޫ ވީމައި ޖަގަކަށް ފުރާނާލާފައި ބޯންވަންދެން ފްރިޖްގައި ބަހައްޓާށެވެ. މިހާރު ހުންނާނީ ކަށިކެޔޮ ފަނި ތައްޔާރު ވެފައިއެވެ.